ރާއްޖޭގައި މިހާރު ހުރި ޑީސަލްގެ ސްޓޮކްޓް މަދުވުމާ ގުޅިގެން މިހާރު އެ ތެޔޮ ވިއްކަނީ ކޮންޓްރޯލްކޮށްގެން ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ އަދި ތެލަށް ހާއްސަ ކުންފުނި ފިއުލް ސަޕްލައި އޮފް މޯލްޑިވްސް (އެފްއެސްއެމް) އިން ބުނީ ޑީސަލް ކޮންޓްރޯލްކޮށް ވިއްކާނީ ތެލުގެ އާ ސްޓޮކެއް ލިބެންދެން ކަމަށެވެ. އެގޮތުން މިހާރު ޑީސަލް ވިއްކުމުގައި އިސްކަން ދެނީ އިންޖީނުގެތަކާއި ޒަރޫރީ ހިދުމަތް ދޭ ތަންތަނަށް ކަމަށް ބުންޏެވެ.
އެފްއެސްއެމްގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި އަމިއްލަ ފަރާތްތަކުން ވެސް ތެޔޮ ވިއްކަ އެވެ. އެފްއެސްއެމުން ޑީސަލް ލީޓަރެއް ވިއްކަނީ 13.04ރ. އަށެވެ. އަދި މި ދަނޑިވަޅާ ދިމާކޮށް އަމިއްލަ ފަރާތްތަކުން ވިއްކާ އަގުތަކަށް ވެސް ބަދަލުތަކެއް އައިސްފައިވެ އެވެ.
އެފްއެސްއެމުން ބުނި ގޮތުގައި ޑީސަލް ލިބުން ދަތިވީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ވިދިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވެސް އެރި ލޮޅުންތަކާ ހެދި އެވެ. އެ ކުންފުނިން ބުނީ ޑީސަލްގެ އާ ޝިޕްމަންޓެއް ގެނެވޭނެ އިރެއް ބުނަން މި ވަގުތު ދަތި ކަމަށެވެ. އެކަމަކު ޑީސަލް އެއްކޮށް ހުސްވެ، އެކަމުގެ ދަތިކަން ކުރިމަތިވެދާނެ ހާލަތަކަށް ނުދާނެ ކަމަށް ބުންޏެވެ.