އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން އަދި ހަތަރު ވަރަކަށް މަސް ނަގާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް މެމްބަރުންގެ ފަރާތުން ކުރިމަތިވި ސުވާލުތަކުގެ ތެރެއިން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ކުރެއްވި ސުވާލަކާ ގުޅިގެން އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށަން އަދި ތިން ހަތަރު މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ އައްޑޫގެ އެތެރެވަރިން ވެލި ނަގަން ހުރި ތަންތަނުގެ ސޭންޑް ސާޗް ސާވޭގެ މަސައްކަތެވެ.
އައްޑޫން 194.3 ހެކްޓަރުގެ ބިން ހިއްކަން ސަރުކާރުން ނެދަލެންޑްސްގެ ވެން އޫޑްއާ ހަވާލުކުރީ މިދިޔަ މަހުގެ 27 ގަ އެވެ.

މިއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއެކެވެ. އަދި މިއި މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެގްޒިން ބޭންކްގެ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ