މަޝްރޫއުތަކާ ހަވާލުކުރުވެ ރަނގަޅަށް މަސައްކަތް ނުކުރާ ކުންފުނިތައް ބްލެކްލިސްޓް ކުރާނެ އުސޫލެއް ހަދާފައިވާކަން ހާމަކޮށްފިއެވެ.
މަޝްރޫއުތަކާ ހަވާލުވެ ރަނގަޅަށް މަސައްކަތް ނުކުރާ ކުންފުނިތައް ބްލެކްލިސްޓް ކުރުމަށް އުސޫލެއް ހަދާފައިވާކަން ހާމަކުރެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ވަނީ ރ. އިންނަމާދޫ ނަރުދަމާ އެޅުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ކުރާތާ ހަތަރު އަހަރު ވެފައިވާކަން ފާހަގަކޮށް އެ މަސައްކަތް އަދިވެސް ނުނިމޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެގޮތަށް މަސައކަތް ދިގުދަންމާ ކުންފުނިތަކާމެދު ފިޔަވަޅު އެޅުމުގެ ވިސްނުމެއް ގެންގުޅޭތޯ ސުވާލުކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މަޝްރޫއުތަކާ ހަވާލުވެ ރަނގަޅަށް މަސައްކަތްނުކޮށް މެދުކަނޑާލާފައިހުރި މަސައްކަތް އެބަހުރިކަމަށާއި، އެފަދަ ކުންފުނިތައް ބްލެކްލިސްޓް ކުރުމުގެ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާކަމަށެވެ.
މިނިސްޓަރު އަސްލަމް އެފަދައިން ވިދާޅުވިނަމަވެސް އެ އުސޫލު އަދި ހާމަކޮށްފައެއްނުވެއެވެ.
ރަށްރަށުގައި މަސައްކަތްތައް ކުރުމަށް ހަވާލުކުރާ ކުންފުނިތަކުން މަސައްކަތް ރަނގަޅަށް ނުކޮށް، ނުވަތަ މަސައްކަތް ދިގުދެންމުމުގެ ޝަކުވާ އަބަދުވެސް މެމްބަރުން މަޖިލީހުގައި ފާހަގަކުރެއެވެ.