Last Updated: June 27, 11:53
Saturday, June 27, 2026
ޚަބަރު

އައްޑޫ ކައުންސިލްގެ އެސްޖީއާ ދެކޮޅަށް ވޯޓެއް

އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝުޖާއުގެ މައްޗަށް އިތުބާރު ނެތްކަމަށް ފާސްކޮށް، އޭނާ މަގާމުން ވަކިކުރަން ނިންމައިފި އެވެ.

ޝުޖާއު ކައުންސިލްގެ މަސައްތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ފަސް މެމްބަރެއްގެ ސޮޔާ އެކު ކުއްލި މައްސަލައެއް ރޭ ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ނާދިރެވެ. މިކަމާ ގުޅިގެން ނެގި ވޯޓްގައި ޝުޖާއު ދެކޮޅަށް ހަ ކައުންސިލަރަކު ވޯޓް ދެއްވި އިރު، ފަސް ކައުންސިލަރަކު ވޯޓްދެއްވީ ޝުޖާއުއާ އެއްކޮށެވެ.

އޭނާ ކައުންސިލްގެ އެސްޖީގެ މަގާމަށް އައްޔަންކުރީ މިދިޔަ ޑިސެމްބަރު މަހުގެ 8 ގަ އެވެ. އޭނަ އަކީ ސަރުކާރުގެ އެކި ވަޒީފާތަކުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށް ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ މީހެކެވެ. އިނގިރޭސިވިލާތުގެ ސްޓެފޯޑް ޔުނިވާސިޓީން މާސްޓާސް އޮފް ސައިންސް އިން ޓެކްނޮލޮޖީ އިން މެނޭޖްމެންޓް ހާސިލުކުރައްވާފައިވާ ޝުޖާއު ވަނީ އެސްޓީއޯގައި 21 އަހަރު ހިދުމަތްކޮށް، އެ ކުންފުނީގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފަ އެވެ.

އެސްޖީ ވަކިކުރަން ކައުންސިލުން ފާސްކޮށްފައިވާތީ މި މައްސަލަ ދެން ހުށަހަޅާނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. އަދި އެކަމާ މެދު އެންމެ ފަހުގެ ގޮތެއް ނިންމާނީ އެތަނުންނެވެ.

ކައުންސިލްތަކަށް ކޮމިޝަނުން އެސްޖީން އައްޔަންކުރަނީ ކައުންސިލްތަކުގެ ރުހުމާ އެކީގަ އެވެ.