ރާއްޖޭގައި މިހާރު ހުރި ޑީސަލްގެ ސްޓޮކްޓް މަދުވެ ކޮންޓްރޯލް ކޮށްގެން ވިއްކާ މައްސަލައިގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރުންނެވެ. އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް 44 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
މެމްބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރާއްޖެ އަށް ބޭނުންވާ ވަރަށް އެފްއެސްއެމަށް ޑީސަލް އެތެރެނުކުރެވުމުގެ ސަބަބުން، އަމިއްލަ މީސްމީހުންނާއި މަސްވެރި އުޅަނދުތަކަށް ދަތިވެ މަސްވެރިންނަށް މަހަށް ނުފުރި ތިބިކަމުގެ ޝަކުވާ ލިބޭކަމަށެވެ.
މީގެއިތުރުން އަމިއްލަ ކުންފުނިތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އެފްއެސްއެމުން ތަފާތު ކުރުން ގެންގުޅޭކަމަށްވެސް ބުނެފައިވެއެވެ.
މި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވާއިރު ހޯމަ ދުވަހުގެ ޖަލްސާއަށްވެސް އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައިވެއެވެ.