ސަފީރު ކަމުން އިސްތިއުފާ ދީނީ އަމިއްލަ ސަބަބުތަކަކާހެދި ކަމަށް ރާއްޖޭން މެލޭޝިއާ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވިސާމް އަލީ ވިދާޅުވެއްޖެ އެވެ.
ވިސާމު މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހާމަކުރެއްވި ރޭގެ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަފީރު ކަމުގެ މަޤާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައެވެ. އަދި މިއަދުގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ހައްގު ކަމަށެވެ.
އަޅުގަނޑު ސަފީރު ކަމުގެ މަޤާމުން އިސްތިއުފާ ދިނީ އަމިއްލަ ސަބަބުތަކަށްޓަކައެވެ. މިއަދުގެ ސަރުކާރުން ތަރައްޤީއަށްޓަކައި ކުރައްވަމުން އަންނަ ކަންކަަމަށް ތައުރީފު ޙައްގެވެ. މި ފުރުޞަތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު ދަންނަވަމެވެ.
— Visam (@visamali) April 6, 2022
ވިސާމް މެލޭޝިއާއަށް ކަނޑައަޅާ ސަފީރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ މާޗް 26، 2019 ގައެވެ.
ވިސާމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވަނީ މަގާމުގައި ހުންނަވައިގެން ވިސާމް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.