އަންނަ މަހުން ފެށިގެން ސްރީ ލަންކަން އެއާލައިންސްގެ ޝެޑިއުލް ތިން ދަތުރު ގަމަަށް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އެއާލައިންގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަންގެ ވެރިޔާ މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) މިއަދު "އައްޑު ލައިވް" އަށް ވިދާޅުވީ އަންނަ މަހުގެ ފުރަތަމަ ހަފުތާގައި ދަތުރުތައް އިތުރުވާން ފަށާނެ ކަމަށެވެ.
އެގޮތުން ދަތުރުތައް އޮންނާނީ އަންގާރަ އާއި ބުރާސްފަތީގެ އިތުރުން ހޮނިހިރުގަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 އިން ފެށިގެން ސްރީ ލަންކަން އެއާލައިންސުން ގަމަށް ދަތުރުތައް ބާއްވަމުން އަންނަނީ ހަމައެކަނި ހޮނިހިރުގަ އެވެ. އަދި މިދިޔަ މަހުގެ 29 އިން ފެށިގެން ދަތުރުތައް ދޭކަށް އިތުރުކުރާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް ފަހުން އެކަން އަންނަ މަހަށް ފަސްކުރިީ އެވެ.

ފިރާގު ވިދާޅުވީ ދަތުރުތައް އިތުރުވާ އިރު، މިހާރު ސްރީ ލަންކަން މެދުވެރިކޮށް ބޭރަށް ދަތުރުކުރާ މީހުންނަށް ވަރަށް ގިނަ ދިމާތަކަށް ކަނެކްޓިވިޓީ ވެސް ލިބިގެން ދާނެ ކަމަށެވެ.
"މި ފަހަރު އަޅުގަނޑުމެން ވަރަށް ބޮޑަށް އެބަ ހާއްސަކުރަން އިންޑިއާ މާކެޓަށް ވެސް. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ސައުތު ރީޖަނަށް އަންނަ އިންޑިއާގެ ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ." އޭނާ ވިދާޅުވި އެވެ.
އޭސް އާއި ސްރީ ލަންކަން އެއާލައިންސް ގުޅިގެން ގަމަށް ކުރާ ދަތުރުތައް މިހާރު އަމާޒުކޮށްފައި ވަނީ މުޅި ދެކުނަށެވެ. އެގޮތުން ދ. އަތޮޅާ ހަމައަށް މިހާރު ޓޫރިސްޓުން ގެންނަން މަސައްކަތްކުރާނެ އެވެ.
"މި ފަހަރު ދަތުރުތައް އިތުރުވެގެން ދާ އިރު އައްްޑޫގެ ސައުތު ޕާމާއި ކެނަރީފަށް ވެސް ޓޫރިސްޓުން ގެނައުމާ ގުޅޭ މަޝްވަރާތައް އަންނަނީ އެތަންތަނުގެ މެނޭޖްމަންޓްތަކާ އެކީ ކުރެވެމުން،" ފިރާގު ވިދާޅުވި އެވެ. "އަަޅުގަނޑުމެން އަބަދު ވެސް މަސައްކަތްކުރާނީ އަމިއްލަ ރިސޯސް ބޭނުންކޮށްގެން ކަމަށް ވިޔަސް ދެކުނު ޕްރޮމޯޓްކުރެވޭތޯ. މީގެ ސަބަބުން ހަމައެކަނި ޓޫރިސްޓުން ފެސިލިޓީތަކަކަށް ނޫން ފައިދާ ވާނީ. އަމިއްލަ މީސްމީހުންނާއި ވިޔަފާވެރިންނަށް ވެސް ފަސޭހަތަކެއްވެގެން ދާނެ."