Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފެނަކަގެ މުވައްޒަފުންގެ ފެންވަރު މަތިކުރަން އެއްބަސްވުމެއް

ނެޝަނަލް ޓްރޭޑް ޓެސްޓިން ސެންޓަރެއްގެ ގޮތުގައި ރެޖިސްޓްރީވުމަށް ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗާއި މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ތަޖުރިބާ ލިބި ސެޓްފިކެޓާއި ލައިސަންސް ނެތް ފަރާތްތަކަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން، ފެނަކަ އިންސްޓިޓިއުޓާއި ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީއާ ދެމެދުވި އެއްބަސްވުމެކެވެ.

ފެނަކަ އިން ބުނީ އެ ކުންފުންޏަކީ 100 ޕަސެންޓް ދިވެހި މުވައްޒަފުންގެ މައްޗަށް ގާއިމކުރެވިފައިވާ، ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާއި ހަމައަށް ރައްޔިތުންނަށް ސާބިތުކަންމަތީގައި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއް ކަމަށެވެ.

އެގޮތުން 2020 އޮކްޓޯބަރުގައި ވުޖޫދަށް އއި ފެނަކަ އިންސްޓިޓިއުޓަކީ ފެނަކައިގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތު އަދި އެކަން ފާހަގަކޮށްދޭ ލިޔެކިޔުންތައް ލިބިގެންވާ މަސައްކަތައް ޤާބިލް، އެކަށީގެންވާ މުވައްޒަފުންނަށް ހެދުމުގެ މާތް މަޤްޞަދުގައި އުފެއްދި ތަނެކެވެ.

އެތަނުން މިހާރު ވެސް އަންނަނީ ފެނަކައިގެ މުވައްޒަފުންނަށް ނޭޝަނަލް ލެވެލް 3 ގެ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އެކި ބެޗްތައް ހިންގަމުންނެވެ. އެ ކޯހުން ދަސްވެނިވާ ބައިވެރިންނަށް ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓާއި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޖެނެރަލް ހައުސް ވައިރިން ލައިސަންސް ލިބޭނެ އެވެ.

ނޭޝަނަލް ސެޓްފިކެޓް 3 އިން އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯހުގެ އިތުރުން ފެނަކަ އިންސްޓިޓިއުޓުން ފެށުމަށް ރާވާފައިވާ ކޯސްތަކުގެ ތެރޭގައި، ނޭޝަނަލް ސެޓްފިކެޓް 3 އިން ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް އާއި ނޭޝަނަލް ސެޓްފިކެޓް 3 އިން ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސަރވިސަސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ވޯޓާ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް ހިމެނެ އެވެ.

ސްކިލްސް ޑިވެލޮޕްމެންޓާ އެކު ހެދި އެއްބަސްވުމުގެ ދަށުން ފެނަކައިގައި މަސައްކަތުގެ މާހައުލުގައި އެކަށީގެންވާ ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ މުވައްޒަފުންނަށް ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތައް އިތުރު ހަލުވިކަމާއި ކުރި އެރުން ލިބިގެން ދާނެ ކަމަށް ފެނަކަ އިން ބުންޏެވެ.

"މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާ މި ފުރުސަތުތަކަކީ އެ މުވައްޒަފުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅިގެންދާ ބިންގަލެެއް. ސެޓްފިކެޓް ލެވެލްގެ އިތުރު ކޯސްތަކަށް ދިޔުމަށް މުވައްޒަފުންނަށް ފުރުސަތު ފަހިވުމުގެ އިތުރަށް، މި އެއްބަސްވުމުގެ ދަށުން ފެނަކައިގެ ހުރިހާ މުވައްޒަފުން ވެގެންދާނީ މަސައްކަތުގެ ދާއިރާއިން އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ އަދި ސެޓްފިކެޓް ލިބިގެންވާ ޤާބިލު ފަރާތްތަކަށް." ފެނަކަ އިން ބުންޏެވެ.