Last Updated: July 17, 10:37
Friday, July 17, 2026
ޚަބަރު

ސަލްމާން މިސްކިތުގައި ދަރުހެއް ބާއްވަން ޕީޕީއެމުން ހުއްދައަކަށް

ސަލްމާން މިސްކިތް - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކިންގް ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދައަށް ޕީޕީއެމުން އެދިއްޖެ އެވެ.

މި ދަރުސް ބޭއްވުމަށް ޕީޕީއެމުން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ އަސްރު ނަމާދަށްފަހު އެވެ. މި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ޕީޕީއެމްގެ އިވެންޓް ކޮމިޓީގެ ޗެއާ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދިން ގޮތަށް ޕީޕީއެމް އަށް ވެސް އެ ފުރުސަތު ދިނުމަކީ އެދޭގޮތް ކަމަށެވެ. އަދި ކޮންމެ ރަމަޟާން މަހަކު ޕީޕީއެމްގެ ދީނީ ގޮފިން މިފަދަ ދަރުސްތައް އިންތިޒާމު ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ވެސް މެ އެވެ. މި މިސްކިތް ރަސްމީކޮށް ހުޅުވީ މިދިޔަ ހުކުރު ދުވަހު އެވެ.

އެއްފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ ސަލްމާން މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ވެސް ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ ފުރަތަމަ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.

މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ.

މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕާޕަސް ހޯލެއްގެ ގޮތުގަ އެވެ.