Last Updated: April 27, 22:41
Saturday, April 27, 2024
ރިޕޯޓް

އައްޑޫގެ އެސްޖީގެ އިތުބާރުގެ މައްސަލަ: "ތިޔަ އުޅެނީ ވައްކަން ނުކުރެވިގެން،"

"މި އުޅެނީ ކޮންމެހެން އެސްޖީ ކަމުނުގޮސްގެނެއް ނޫން. އައްޑޫ ސިޓީ ކައުންސިލްގެ ދައުރު ނިމިގެންދާއިރު ޖީބަށް ބޮޑު ކޮށްލައިގެންދާން އެ ނިޔަތުގައި މި އުޅެނީ. ކޮންމެވެސް ޕްރޮޖެކްޓަކުން އެ ލިބޭނެ އެއްޗެއް ނުލިބޭނެތީ އެ މައްސަލަ މިއީ. އެސްޖީ އެކަން ކަމަށް ދެކޮޅު ހަދަނީ،"

މިއީ އައްޑޫ ސިޓީ ކައުންސިލަށް މީގެ ތިން މަހެއް ކުރިން އައްޔަންކުރި ސެކްރެޓަރީ ޖެނަރަލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކައުންސިލަށް ހުށައަޅުމުން އެކަމާ ދެކޮޅަށް އެ ބައްދަލުވުމުގައި މެންބަރަކު ދެއްކެވި ވާހަކަ އެވެ. ރޭ ބޭއްވި އައްޑޫ ސިޓީގެ ކުއްލި އެ ބައްދަލުވުން ބާއްވާފައިވަނީ ސިއްރު ޖަލްސާއެއް ގޮތަށެވެ. ރޭގެ އެ ބައްދަލުވުން އޮތްކަން މެންބަރުންނަށް އެންގީ އިއްޔެ ހަވީރެވެ. ބައްލުވުން ކުރިއަށްގެންްގޮސްފައިވަނީ ސިއްރު ނަމަވެސް އެ ބައްދަލުވުގައި ދެކެވުނު ވާހަކަތައް އައްޑޫ ލައިވްއަށް ވަނީ އިތުބާރު ހުރި ފަރާތަކުން ހިއްސާކޮށްފަ އެވެ.

އެ ބައްދަލުވުމަށް މެމްބަރުންނަށް ކީއިރު އެ ބައްދަލުވުމުގައި އޮންނާނެ ކަމަަށް އެޖެންޑާގައި އޮތީ އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުހައްމަދު ޝުޖާއުގެ އެ މަގާމަށް އައްޔަންކުރިތާ ތިން މަސް ވެފައިވާތީ އާއި ކައުންސިލް މެމްބަރުން އެސްޖީގެ މަގާމުގައި ހުންނަ މީހާގެ މަސައްކަތާ ގުޅޭ ގޮތުން ފުރަން ޖެހޭ ފޯމް ފުރުމަށް މެންބަރުންނަށް ފޮނުވާފައިނުވާތީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމެވެ. ނަމަވެސް ސިޓީ ކައުންސިލް މެމްބަރަކު ވިދާޅުވީ ކައުންސިލް ބައްދަލުވުމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ނާދިރު ހުށައެޅުވި އެ މައްސަލައިގެ ތެރެއަށް ޖަލްސާގައި ހުށައެޅީ އެސްޖީގެ މައްސަލަތައް ގޮތުގައި ފާހަގަކޮށްފައިވާ މައްސަލަތައް ކަމަށެވެ. އަދި އެ މައްސަލަތަކާމެދު ކައުންސިލަރަރުންނަށް ވިސްނާލަންވެސް ފުރުސަތު ނުދީ 4 ވަރަކަށް މިނެޓްގެ ފުރުސަތެއް ކޮންމެ މެމްބަރަކަށްދީ އިތުބާރު ނެތް ކަމަށް ފާސްކޮށްލީ ކަމަށް ކައުންސިލް މެންބަރަކު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލްގެ ހަ މެމްބަރުންގެ ވޯޓާއެކު ޝުޖާއުގެ އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް ފަސް މެމްބަރެެެއް ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ. ޝުޖާއުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ދެކޮޅު ހެދި މެމްބަރުން އެ ބައްދަލުވުމުގައި ވަނީ ޝުޖާއު ވަކިކުރަން އުޅެނީ "ވައްކަންކޮށް، ކޮރަޕްޝަން ނުހިންގިގެން" ކަމަށްބުނެ މެމްބަރުންނަށް ތުހްމަތުތައްކޮށްފަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލަރުން ވަނީ އެސްޖީ ހުންނަވައިގެން ބައެއް ޕްރޮޖެކްޓްތަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތައް ދޭން ހުރަސް އެޅުނު ކަމަށް ވިދާޅުވެ އެކަމުގެ ތުހްމަތު ވެސް ކޮށްފަ އެވެ. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކު އެކަނި ހުރީމަ ނިމުނީ ކަމަށްބުނެ ސިޓީ ކައުންސިލް ހިންގާ ގޮތައްވެސް މޭޔަރަށާއި އެހެން ކައުންސިލް މެމްބަރުންނަށް ނިސްބަތްކޮށްވެސް މި ބައްދަލުވުމުގައި މެމްބަރުން ބަހުގެ ހަމަލާތައް ދިނެވެ.

ބައްދަލުވުމުގެ އޯޑިއޯ އައްޑޫލައިވްއަށް ލިބިފައިވާއިރު ބައްދަލުވުން ރެކޯޑުކޮށްފި ނަމަ އެ މައްސަލަ ވަކިން ބެލޭނެ ކަމަށް ރިޔާސަތު ބައްލަވަމުން ގެންދެވި މޭޔަރ އަލީ ނިޒާރު އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ހަމައެއާކު ކައުންސިލަރުން ވަނީ އެސްޖީއަށް ނުފޫޒު ފޯރުވައިގެން އެ މެންބަރަކު ބޭނުންވާ ކަންކަން ކުރުވާ ކަމަށްވެސް ވިދާޅުވެ ބައެއް މެމްބަރުނަށް ތުހްމަތުކޮށްފަ އެވެ.

ޝުޖާއުގެ ވަކިކުރުމާ ދެކޮޅު މެމްބަރުން ވަނީ ސެކްރެޓަރީ ޖެނަރަލްގެ މަގާމާ ހަވާލުވެވަޑައިގެން ޝުޖާއު ކުރެއްވި މަސައްތައް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

"(އައްޑޫ ލޭންޑް ޔޫސް ޕްލޭން ހެދުމަކީ) މިހިސާބަށް އައިރުވެސް އެހެން ނޫނީ މި ކައުންސިލަށް ނުވާނެ ކަމެއް. ހަމަ އަމިއްލައަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްދިން އެސްޖީގެ މަސައްކަތްތައްވެސް ކުރައްވަމުން އެގެންދަވަނީ. ދެން ފާހަގަކޮށްލާނަން، ރައީސުލް ޖުމްހޫރިއްޔާ އައްޑޫއަށް ވަަޑައިގެން ދަތުރަކީ އެވަރުގެ ދަތުރެއް، އެސްޖީ މިތަނުގައި ނެތްނަމަ މި ކައުންސިލް އޮރިޔާންވެގެން ދާނީ. މިތާ ނެތް އެވަރު ކޮށްލާނެ ވަރުވެސް،" ކައުންސިލް މެންބަަރަކު ވިދާޅުވި އެވެ.

އެސްޖީއަށް ގިނަ ތުހްމަތުތަކެއް ކޮށް ބައެއް މެމްބަރުން ވާހަކަދެއްކެވިއިރު އެސްޖީ ވަކި މެމްބަރުންތަކަކާ ހާއްސަ ކަމެއް ބަހައްޓަވާ ކަމަށް ބައެއް މެމްބަރުން ފާޙަގަ ކުރެއްވި އެވެ. އަދި އުއްމީދުކުރިވަރަށް ވުރެ މަސައްކަތް އެސްޖީ ޝުޖާއުގެ މަސައްކަތް ލަސްކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.