ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫގައި ހާއްސަ ހަރަކާތްތަކެއް މާދަމާ ކުރިއަށް ގެންދިޔުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގައި ވެސް ފާހަގަކުރާ ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހަކީ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ. މި ދުވަސް ރާއްޖޭގައި އަންނަނީ ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުންނެވެ.
ޓީޓީ އެސޯސިއޭޝަނުން ބުނީ މިއަހަރު ޓީޓީ ދުވަހުގެ ހާއްސަ ހަރަކާތްތަކެއް އައްޑޫގައި ހިންގުމަށް ނިންމީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓީޓީ ފުޅާކުރުމުގެ ގޮތުން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމުގެ ގޮތުން ކަމަށެވެ. އައްޑޫގައި ހިންގާ ހަރަކާތްތައް ކުރިއަށް ގެންދާނީ މާދަމާ ހަވީރު 4:30 އިން 5:30 އަށް ސިޓީ ސްކޮޔާގަ އެވެ.
މި ހަރަކާތްތަކުގައި މިހާރު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޓީޓީ ކުޅުންތެރިޔާ އަދި އެންމެފަހުން ހޮވި ކަލާސް އެވޯޑުގެ އެއްވަނަ ހޯދި އައިޝަތު ރަފާ ނާޒިމް އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދާއި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ބައިވެރިވާނެ އެވެ.
އެގޮތުން މި ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތާއި ޓީޓީއާ ގުޅުންހުރި ތަފާތު އެކި ސުވާލުތައް ކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ. މި އިވެންޓުގައި ބައިވެރިވުމުގެ ދައުވަތު ޓީޓީ އެސޯސިއޭޝަނުން ވަނީ އައްޑޫގެ ސްކޫލްތަކުގެ ދަރިވަރުންނަށް ދީފަ އެވެ. މި އިވެންޓުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ޓީޓީ އެސޯސިއޭޝަނުގެ އިސްވެރިން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޓީޓީގައި ފާހަގަކޮށްލެވޭ ފަދަ ކުޅުންތެރިންތަކެއް އައްޑޫގައި ވެސް ތިބިއިރު، ހިތަދޫގައި ހުންނަ ޒުވާނުންގެ މަރުކަޒުގައި މިހާރަށް ވުރެ ފުޅާ ގޮތެއްގައި ޓީޓީ ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައި މި ކުޅިވަރު އައްޑޫގައި ކުރިއެރުވުމަކީ އަމާޒެއް ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެ އެވެ.
ފާއިތުވި އަހަރުތަކުގައި އެއް ކުޅިވަރަކުން ރާއްޖެ އިން އެންމެ ގިނަ ކާމިޔާބީތައް ހާސިލުކުރީ ޓީޓީންނެވެ. އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން އިންތިޒާމުކޮށްގެން 2019 ވަނަ އަހަރު އަހަރުގެ ޖުލައި މަހު، މޮރިޝަސްގައި ބޭއްވި ޓޭބަލް ޓެނިސްގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖެ ވަނީ ރަން މެޑަލް ހާސިލުކޮށްފަ އެވެ.