ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ކަރިމް ބެންޒެމާގެ ހެޓްރިކުން 3-1 ޗެލްސީ ބަލިކުރުމަށްފަހު ރެެއާލް މެޑްރިޑުން ސެމީ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.
ޗެލްސީގެ ދަނޑުގައި ރޭ ކުޅުނު މެޗު 21 ވަނަ މިނިޓްގައި ވިނީޝަސް ނެގި ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ބެންޒެމާ ވަނީ ރެއާލް އަށް ލީޑު ނަގާދީފަ އެވެ. އަދި އެ ގޯލު ޖެހިތާ މާގިނަ އިރުތަކެއް ނުވަނީސް ލޫކަ މޮޑްރިޗް ނެގި ހުރަހަކުން ބެންޒެމާ ވަނީ ބޮލުން އިތުރު ގޯލެއް ޖަހައި ރެއާލްގެ ލީޑުފުޅާކޮށްދީފަ އެވެ.
ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޗެލްސީގެ ކައި ހަވެޓްޒް ބޮލުން ގޯލެއް ޖަހައި، އެ ޓީމަށް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޒެމާ އަށް ހެޓްރިކް ފުރިހަމަަކުރަން ފުރުސަތު ލިބި ބޭކާރުވެފައިވެ އެވެ. ނަމަވެސް ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 40 ވަރަކަށް ސިކުންތު ތެރޭގައި ޗެލްސީގެ ކީޕަރު އެޑުއާޑް މެންޑީ ހެދި ގޯހެއްގެ ފައިދާނަގައި، ބެންޒެމާ ވަނީ ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޗެލްސީ ކޮޅަށް ބެންޒެމާ ރޭ ހެޓްރިކެއް ހެދިއިރު އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ކޮޅަށް ވެސް ހެޓްރިކެއް ހަދާފަ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ވިޔަރެއާލް އިން ވަނީ 1-0 އިން ބަޔާން މިއުނިކް ބަލިކޮށްފަ އެވެ. މި މެޗުގައި ޖެހި ހަމައެކަނި ގޯލު ވިޔަރެއާލަށް ކާމިޔާބުކޮށްދިނީ އަށް ވަނަ މިނިޓްގައި ނެދަލެންޑްސްގެ ވިންގް އާނައުޓް ޑަންޖޫމާ އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާގަ އެވެ.