ފަނޑިޔާރުންނާއި ފަނޑިޔާރުކަންކުރެއްވި ބޭފުޅުންނާއި އެ ބޭފުޅުންގެ ބެލުމުގެ ދަށުގައި ތިބި މީހުންނާއި އަދި މައިންބަފައިންނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
އެތަނުން ބުނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެދުމުގެ މަތިން މިކަން ބީލަމަށް ހުޅުވާލައި ޝައުގުވެރިވާ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ އިރު، ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 19 އާ ހަމައަށެވެ.
ފިނޭންސުން ބުނި ގޮތުގައި ހެލްތު އިންޝުއަރެންސް ފޯރުކޮށްދޭން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000ރ. ވެސް ހުށަހަޅަން ޖެހޭނެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.