މި އަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ތައްޔާރުކުރި ތީމް ލަވަ އާންމުކޮށްފި އެވެ.
ގަތަރުގައި މި އަހަރުގެ ފަހުކޮޅު ބާއްވާ މުބާރާތުގެ ތީމަ ލަވަ އަށް ދީފައިވާ ނަމަކީ ހަޔާ ހަޔާ (ބެޓާ ޓުގެދާ) އެވެ. އާރްއެންޑްބީ އާއި ރެގޭގެ ރަހަ ހެޔޮވަރުކޮށްގެން ތައްޔާރުކޮށްފައިވާ ލަވައިގެ އަޑުގެވެރިންނަކީ ގަތަރުގެ ލަވަކިޔުންތެރިޔާ އައިޝާ އާއި އެމެރިކާގެ ފަންނާނު ޑޭވިޑޯގެ އިތުރުން އެ ގައުމުގެ ޓްރިނިޑާޑް ކާޑޯނާ އެވެ.
ލަވައިގެ ވީޑިއޯ ގެނެސްދީފައި އޮތީ މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ ގަތަރު ނިސްބަތްވާ މެދުއިރުމަތީގެ ކުލަވަރުތަކާ އެކީގަ އެވެ. އެގޮތުން ހަނަފަސް ސަހަރާތަކުގެ މަންޒަރުތައް ވަރަށް ގިނައިން ލަވައިގައި ހިމަނާފައިވެ އެވެ.
ފީފާ އިން ބުނި ގޮތުގައި މި ފަހަރުގެ މުބާރާތުގެ ތީމް ލަވަ "ހަޔާ ހަޔާ" ގެ އިތުރުން މުބާރާތަށް ހާއްސަ އިތުރު ލަވަތަކެއް ގެނެސްދޭނެ އެވެ. އެތަނުން ބުނީ ހުރިހާ ލަވަތަކެއް ވެސް ވާނީ ފުޓްބޯޅައިގެ ރޫހާއި ޖޯޝް ގެނެސްދީ ލޭކައްކުވައިލާ ކަހަލަ ލަވަތަކަކަށެވެ.
މެދުއިރުމަތީގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ގައުމުގެ ޝަރަފު ގަތަރަށް ލިބޭ އިރު، މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.
މީގެ ހަފުތާއެއް ކުރިން ވަނީ މުބާރާތުގައި ބޭނުންކުރާ ބޯޅަ ވެސް ދައްކާލައިފަ އެވެ. އެއަށް ދީފައިވާ ނަމަކީ އަލް ރިހުލާ (ދަތުރު) އެވެ.