Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

އައްޑޫ ބިން ހިއްކާ މައްސަލަ ނަޝީދަށް ހުށަހަޅައިފި

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ މެދު ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީ އާއި ހިއުމަން ރައިޓްސް ކޮމިޓީން ބަލައިދޭން އެދި ހަތް ޖަމިއްޔާއަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފި އެވެ.

މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ގުދުރަތީ ވެއްޓަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވެދާނެ ކަމަށް ބުނެ މަޝްރޫއު ހުއްޓާލަން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ހަ ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލި އެވެ. އެ ޖަމިއްޔާތަކަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ލޭންޑް ސީ މޯލްޑިވްސް އާއި ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް އާއި މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ އިތުރުން އިކޯކެއާ މޯލްޑިވްސް އެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން އެ ޖަމިއްޔާތަކުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ނަޝީދަށް ފޮނުވި ސިޓީގައި ވަނީ ބިން ހިއްކައިފި ނަމަ ލިބިދާނެ ގެއްލުންތަކާއި މި މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ގޮތާ މެދު ހުރު ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފަ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ ބިން ހިއްކަން މިދިޔަ މަހުގެ 27 ގައި ސަރުކާރުން ހަވާލުކުރީ ނެދަލޭންޑްސްގެ ވެން އޫޑް އެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ ހަތަރު ވަރަކަށް މަސް ފަހުން ކަމަށެވެ. އަދި އޭގެ ކުރިން ވާން ޖެހޭ ތައްޔާރީތައް މިހާރު ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ބިން ހިއްކުން ހުއްޓުވަން އަމިއްލަ ފަރާތަކުން މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ. ސަރުކާރުން ބުނެފައި ވަނީ ބިން ހިއްކާނީ ވީހާ ވެސް ބޮޑަށް ގެއްލުން ކުޑަވާނެ ގޮތްތަކަޑް ބަލައިގެން ކަމަށެވެ. މި މަޝްރޫއުގެ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އޭއައިއޭ) އޮތީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހަޅައިފަ އެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކާނެ
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކާނެ
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ