Last Updated: June 29, 21:20
Monday, June 29, 2026
ކުޅިވަރު

އެމްއެންޑީއެފް، ޕަޓާސް، ފްރެންޑްސް އަދި ޝަންގްރިއްލާ މޮޅުވެއްޖެ

ޕަޓާސްގެ ކުޅުންތެރިއަކު ބޯޅަ އާއި އެކު، ސްނިކާސް ސްޓްރީޓް ސޮކާއަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބޭ. ފޮޓޯ: ގޮޮންޒާލޭޒް

މިހާރު ސ. ގަމުގައި ކުރިއަށްދާ "ސްނިކާސް އައްޑޫ ސްޓްރީޓް ސޮކާ"ގެ 4 ވަނަ ދުވަހުގެ މެޗްތަކުގައި އެފްސީ ގަބީލާ އާއި މަލްޓި ޖީނިއަސް ސިޓީ ބައްދަލު ކުރި މެޗް 1-1 ލަނޑުން އެއްވަރުވި އިރު، އެމްއެންޑީއެފް، ޕަޓާސް އަދި ފްރެންޑްސް ކްލަބް އާއި ޝަންގްރިއްލާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ކުޅުނު ހިތަދޫ އެފްސީ ގަބީލާ އަދި މަލްޓި ޖީނިއަސް ސިޓީ ބައްދަލު ކުރި މެޗްގައި މަލްޓި ޖީނިއަސް ސިޓީގެ ލަނޑު އެޓީމަށް ކާމިޔާބް ކޮށްދިނީ ހަސަން ނޫރިޝްއެވެ. ގަބީލާއަށް ހަމަހަމަ ކޮށްދިން ލަނޑު ޖަހައިދިނީ އިބްރާހިމް ޝާހިދު (ގިޓާ)އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކީ ނޫރިޝްއެވެ.

އިއްޔެ ހަވީރު ކުޅުނު ދެވަނަ މެޗްގައި ފޭދޫ އެފްވައިސީ އާއި އެމްއެންޑީއެފް ސަދަން ކޮމާންޑް ބައްދަލު ކުރި މެޗް 3- 1 ލަނޑުން ކާމިޔާބް ކުރީ އެމްއެންޑީއެފްގެ ޓީމެވެ. މިމެޗްގައި އެމްއެންޑީއެފްއަށް ލަނޑު ޖަހައިދިނީ ޖިނާނާ ޖަނީލް އާއި މުހައްމަދު ޝުޖާއުއެވެ. ޖިނާން ވަނީ 2 ލަނޑު ޖަހާދީފައެވެ.

އެފްވައިސީގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ ޝާފިއުއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ އެމްއެންޑީއެފްގެ އާމިރު މޫސާއެވެ.

ރޭ ކުޅުނު ފުރަތަމަ މެޗްގައި ޝަންގްރިއްލާ ޔުނައިޓެޑް އާއި ކަޅަބެންޗާ ބައްދަލުކޮށް 2-1 ލަނޑުން މެޗް ކާމިޔާބް ކުރީ ޝަންގްރިއްލާގެ ޓީމެވެ. މި މެޗްގައި ޝަންގްރިއްލާއަށް ލަނޑު ޖަހައިދިނީ އިބްރާހިމް ޖުނާހް އާއި އިބްރާހިމް މުހައްމަދު އެވެ. ކަޅަބެންޗާއަށް ލަނޑު ޖަހައިދިނީ މުހައްމަދު ފަޒީލްއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަންގްރިއްލާގެ ޖުނާހްއެވެ.

ރޭގެ ދެވަނަ މެޗްގައި މަރަދޫ ފޭދޫގެ ޓީމާއި ފޭދޫ ޕަޓާސް ވާދަކުރި މެޗް ޕަޓާސް ގެންގޮސްފައިވަނީ 1-0 ލަނޑުންނެވެ. ޕަޓާސްގެ ހަމއެކަނި ލަނޑު ޖަހައިދިނީ އަބްދުﷲ ޝުޖާއުއެވެ. މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕަޓާސްގެ އިބްރާހިމް އަސްވަދުއެވެ.

ރޭގެ ފަހު މެޗްގައި ޕްރެންޑްސް ކްލަބް އާއި އަބާނީ ބައްދަލުކުރި މެޗް 2-0 ލަނޑުން ކާމިޔާބް ކުރީ އެންމެ ފަހުގެ ޗެމްޕިއަން ޕްރެންޑްސް ކްލަބްއެވެ. ފްރެންޑްސް ކްލަބްގެ ލަނޑު ޖަހައިދިނީ ހަސަން ހާޒިގް އާއި ހަސަން ހަނީފްއެވެ. މޮޅު ކުޅޫންތެރިއަކަށް ހޮވިފައިވަނީ ފްރެންޑްސް ކްލަބްގެ ހުޒެއިފަތު ރަޝީދުއެވެ.

މިއަދުވެސް މި މުބާރާތުގެ 5 މެޗް ކުޅޭނެއެވެ.