Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

ދިއްދޫ ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން

ހއ. ދިއްދޫ ބަނދަރާއި ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދަވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިއްދޫ ކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެެއްކެވި ވާހަކަފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާއި ހިއްސާކުރައްވާފަ އެވެ. އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށްގިރުމުގެ މައްސަލައާއި ޞިއްޙީ މަރުކަޒު ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާކަމާއި އަދި ސްކޫލާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރަށުގެ ޒުވާނުންނާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ބަނދަރާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގައި ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ޙައްލުގެނެވޭނެ ގޮތްތައް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ވަކި ރަށެއް ތަފާތުކުރުމެއްނެތި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ސަރުކާރުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.