ހިތަދޫ ނޫރުލްއިސްލާމް ޖަމިއްޔާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްގެ ދަށުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ތިބި ބަލި މީހުންގެ އެހީތެރިންނަށް ރޯދަ ވީއްލުން ހަދިޔާކޮށްފި އެވެ.
ނޫރުލްއިސްލާމް ޖަމިއްޔާ އިން ބުނީ މި ޕްރޮގްރާމަކީ ކޮންމެ ދުވަހަކު އެ ޖަމިއްޔާގެ ފަރާތުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ބަލި މީހުންގެ އެހީތެރިންނަށް ރޯދަ ވީއްލުން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމަށް އެހީވުމުގެ ފުރުސަތު އާންމުންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން މި ޕްރޮގްރާމަށް އެހީވުމަށް ނޫރުލްއިސްލާމް ޖަމިއްޔާގެ އިސްލާމިކް ބޭންކް އެކައުންޓް (99020155500032100) އަށް ފައިސާ ޖަމާކުރެވޭނެ އެވެ.
ނޫރުލް އިސްލާމް ޖަމިއްޔާއަކީ ރޯދަ މަހު ރައްޔިތުންނަށް ވަރަަށް ބޮޑެތި އެހީތަކެއް ފޯރުކޮށް ދެމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން ނިކަމެތި ފަގީރު އާއިލާތައް ހޯދައި، އެ އާއިލާތަކަށް ރޯދަ މަހު ބޭނުންވާ އަސާސީ ބާވަތްތަކުން އެހީ ފޯރުކޮށް ދެމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.
މީގެއިތުރުން ދީނީ ތަފާތު ޕްރޮގްރާމްތައް ވެސް ރޯދަ މަހު ގިނަ އަދަދަކަށް ނޫރުލް އިސްލާމުން ހިންގަ އެވެ.