Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ސިއްހަތަށްޓަކައި ތިމާވެށި ޙިމާޔަތްކުރުން ބޭނުންތެރި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ޞިއްޙަތު ސަލާމަތްކުރަން ތިމާވެށި ޙިމާޔަތްކުރުން ބޭނުންތެރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ޞިއްހަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރު، Our Planet, Our Health (އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު) ހަނދާންކޮށްދެނީ އިންސާނުންގެ ޞިއްޙަތު ސަލާމަތްކުރުމަށްޓަކައި، ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ ބޭނުންތެރިކަން ކަމަށެވެ.

"މި ޝިޢާރު އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެނީ، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް، ނުރައްކާތައް ކުރިމަތިވަމުންދާ މިންވަރެވެ. އަދި އިންސާނުންނަށް މިބިންމަތީގައި ދެމިތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ދަރަޖައަށް، ދުނިޔޭގެ ތިމާވެށި ހަލާކުވެ، އަދިވެސް އިތުރަށް ހަލާކުވަމުންދާ ކަމެވެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންސާނުންގެ ޞިއްޙަތަށް ގެއްލުންދެނިވި އެތައް ކަމަކުން، އިންސާނީ މުޖްތަމަޢު މިއަދު އޮތީ ވަށައިގެން ބެދިފައި ކަމަށެވެ. މީގެ ތެރެއިންވެސް، އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީވެސް، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ ތެރެއިން، 13 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެގެންދަނީ، އެކަންކަމުން ސަލާމަތްވެވިދާނެ ފަދަ ތިމާވެށީގެ ތަފާތު ސަބަބުތައް މެދުވެރިވެގެންކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން މިއީ ރާއްޖެ ފަދަ، މޫސުމީ ބަދަލުތަކަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ޤައުމެއްގައި ދިރިއުޅޭ ހަމަ ކޮންމެ މީހަކުމެ، ފުންކޮށް ވިސްނައި ފިކުރު ހިންގަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ދުނިޔެ ހޫނުވުމާއި، ވައި ނުސާފުވުމާއި، ފެން ތަޣައްޔަރުވުމާއި، އުދައެރުމާއި، ގޮނޑުދޮށްތައް ގިރުމަކީ، ތިމާވެށީގެ ގޮތުން ރާއްޖެ މިވަގުތު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ކަމަށް ވިޔަސް، މިއިން ކޮންމެ ކަމަކީ އަޅުގަނޑުމެންގެ ޞިއްޙީ ދުޅަހެޔޮކަމާ އެތައް ގޮތަކުން ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، އަޅުގަނޑުމެންގެ އަމިއްލަ ޞިއްޙަތަށް ރައްކާތެރިވާ ފަދައިން، އަޅުގަނޑުމެންގެ ޤުދުރަތީ ވެށީގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ" ރައީސް ވިދާޅުވި އެވެ.