Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ޓީޓީ ދުވަސް އައްޑޫގައި ފޯރިގައި ފާހަގަކޮށްފި

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މިއަދު އައްޑޫ ސިޓީގައި ބޭއްވި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ކޮންމެ އަހަރެއްގައި ވެސް ފާހަގަކުރާ ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަހަކީ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ. މި ދުވަސް ރާއްޖޭގައި އަންނަނީ ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުންނެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އައްޑޫ ސިޓީ ސްކޮޔާ ސަރަހައްދުގައި ބޭއްވި އިވެންޓުގައި ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޓީޓީ ކުޅުންތެރިޔާ އަދި އެންމެފަހުން ހޮވި ކަލާސް އެވޯޑުގެ އެއްވަނަ ހޯދި އައިޝަތު ރަފާ ނާޒިމް އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދާއި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދުގެ އިތުރުން ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތާޅަފިލި އަލިބެ) ވަނީ ބައިވެރިވެފަ އެވެ.

އަލިބެ މީގެކުރިން ކޯޗެއްގެ ގޮތުގައި ވެސް ފެނިފައިވާއިރު އަލިބެ މިހާރު އަންނަނީ ކުޑަކުދިންނަށް ޓީޓީ ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

މިއަދުގެ ހަރަކާތުގެ ތެރެއިން އެ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތާއި، ޓީޓީ ކުޅެން ދަސްކޮށްދިނުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތުގައި އައްޑޫ އިން ބޮޑު ތަރުހީބެއް ލިބިފައިވާކަން ޓީޓީ އެސޯސިއޭޝަނުން ފާހަގަކުރެ އެވެ.

މި އިވެންޓުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ޓީޓީ އެސޯސިއޭޝަނުގެ އިސްވެރިން ވެސް ބައިވެރިވެފައިވެ އެވެ. އެގޮތުން މި އިވެންޓު ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ނިޒާރު ވަނީ އައްޑޫގައި ޓީޓީ ކުރިއެރުވުމަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އައްޑޫގައި ޓީޓީ ކުރިިއަރުވައި ފުޅާ ކުރުމަކީ ޓީޓީ އެސޯސިއޭޝަނުގެ އެއް ވައުދު ވެސް މެ އެވެ.

މިއަހަރު ޓީޓީ ދުވަހުގެ ހާއްސަ ހަރަކާތެއް އައްޑޫގައި ބޭއްވުމަށް ނިންމީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޓީޓީ ފުޅާކުރުމުގެ ގޮތުން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމުގެ ގޮތުން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެ އެވެ.