Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ކުލި ފަސްކޮށް ދިނުމާ މެދު ގޮތެއް ނިންމަނީ

ހުޅުމާލޭގެ ދެވަނަ ފޭހުގެ ހިޔާ ފްލެޓްތަކުން މި މަހުން ފެށިގެން ކުލި ނަގާ ގޮތަށް ނިންމުމާ ގުޅިގެން އެކަން ފަސްކޮށްދޭން އެދި އަނެއްކާ ވެސް ޕެޓިޝަނެއް ހުށަހަޅާފައިވާތީ އެކަމާ މެދު ގޮތެއް ނިންމައި ޖަވާބެއް ދޭން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސުހައިލު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގައި އޭނާ ވިދާޅުވީ ހިޔާ ފްލެޓްގެ ކުލި ނެގުން ދެ ފަހަރެއްގެ މަތިން ފަސްކޮށް ދީފައިވާ، މިހާރު ކަނޑައަޅާފައިވާ އަގަކީ އެތަނުން ކުލީގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ އަދަދު ވެސް ކަމަށެވެ. އަދި މި މަހުން ފެށިގެން ކުލި ނަގަން ނިންމުމާ ގުޅިގެން މާ ބޮޑެތި ޝަކުވާތަކެއް މިހާތަނަށް އައިސްފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރު ވަނީ ކުލި އަލުން ތިން މަހަށް ފަސްކޮށްދޭން ގޮވާލައްވައިފަ އެވެ.

ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު 8،500ރ. އެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު 20،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ދާދި ފަހުން ހެދި ސާވޭއަކުން ދައްކާ ކަމަށް ސުހައިލް ވިދާޅުވި އެވެ.