ޔޫތު މިނިސްޓްރީ އާއި ޔޫއެންއޯޑީސީ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ "ޕިއާ އެޑިއުކޭޓާސް ޓްރޭނިން އޮފް ޓްރެއިނާސް(ޓީއޯޓީ)" ގައި އައްޑޫން ބައިވެރިވާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން ލަތީފު އަލީ ސޮއި ކުރައްވައި ނެރުއްވާފައިވާ އިއުލާނުގައި ބުނެފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު މާލޭގައި ފަށާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އައްޑޫގެ ދެ މީހަކަށް ކަމަށެވެ. އެގޮތުން އުމުރުން 25-35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދު އޮފީސް ބަންދުވުމުގެ ކުރިން ނަން ނޯޓް ކުރުމަށް ވެސް ޔޫތު ޑިޕާޓްމަންޓުން ވަނީ އެދިފަ އެވެ.
އެ ޑިޕާޓްމަންޓުން ބުނީ ކޯހަށް ބައިވެރިން ހޮވުމުގައި އަމަލު ކުރާނެ ގޮތުގެ މައުލޫމާތު ޔޫތު ޑިޕާޓްމަންްޓުން ފޯރުކޮށް ދޭނެ ކަމަށެވެ.
ޓީއޯޓީގައި ބައިވެރި ކުރަން ހޮވޭ ފަރާތްތަކަށް މާލޭގައި ތިބުމާއި ކެއުމުގެ ހަރަދާއި ދެކޮޅު ދަތުރުގެ ހަރަދު ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށް ވެސް ޔޫތު ޑިޕާޓްމަންޓުން ބުންޏެވެ.