މާލޭގެ ރަސްމީ ފުޓްބޯޅަ ދަނޑު، ގަލޮޅު ދަނޑު ތަޅާލައި އާ ސްޓޭޑިއަމެއް އަޅަން ނިންމީ ރައްޔިތުންނާ މަޝްވަރާ ނުކޮށް ކަމަށްވާތީ އެ މައްސަލާގައި އޭނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
އެ ދަނޑުގެ ތަރައްގީގެ އާ ޕްލޭންގެ ވާހަކަ މި މަހުގެ 5 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރެއްވީ އާ ސްޓޭޑިއަމް ހުންނާނެ ގޮތުގެ ކުރެހުންތަކާ ވެސް އެކީގަ އެވެ. އޭގައި މަހުލޫފް ވިދާޅުވީ އެއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.
ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްޤީކުރުމަށްވަނީ ނިންމާފަ. މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް. 🇲🇻 pic.twitter.com/2JtGLy6Vd5
— Ahmed Mahloof (@AhmedMahloof) April 5, 2022
ނަމަވެސް މިކަން ހާމަކުރުމާ އެކު އެއީ ރައްޔިތުންނާ މަޝްވަރާނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ މިނިސްޓަރަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ. އެހެންވެ އެ މައްސަލާގައި އޭނާއާ ސުވާލުކުރަން ހުށަހަޅައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
ތޮއްޖެހިފައިވާ މާލޭގެ މެދުގައި އޮތް ގަލޮޅު ދަނޑު އައު ދަނޑެއްގެ ގޮތުގައި ތަރައްގީކުރެވެންވާނީ މާލޭ ރައްވެހިން، އަދި ވަކިން ހާއްސަކޮށް، އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންގެ ބަހާއި އެކު. pic.twitter.com/2Akeif2iiX
— Meekail Naseem 🎈 (@MickailNaseem) April 7, 2022
އޭނާ ވިދާޅުވީ އިންޑިއާގެ އެލްއޯސީގެ ދަށުން، ގަލޮޅުދަނޑު ތަޅާލައި އާ ސްޓޭޑިއަމެއް އަޅަން ނިންމި އިރު މާލޭގެ ރައްޔިތުންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ގަލޮޅުގެ ރައްޔިތުންނާ ވެސް އެ ކަމާ ގުޅޭ އެއްވެސް މަޝްވާރާއެއް ކޮށްފައި ނެތްކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
އެހެންވެ މިކަމާ ބެހޭ ގޮތުން މަހުލޫފާ މަޖިލީހުގައި ސުވާލުކުރަން ނިންމީ އެވެ.
އާ ސްޓޭޑިއަމެއް އަޅަން ނިންމައި، ކުރެހުން ދެއްކި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ޔޫތު މިނިސްޓަރު ނުދެއްވަ އެވެ.