Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ގިރާތީ ހޯރަފުށީ އެއާޕޯޓާއި ރަށް ވަކިކުރަނީ

ބިން ހިއްކައިގެން ހއ. ހޯރަފުށީގެ އެއާޕޯޓް ހެދި ފަހުން ގިރުމުގެ މައްސަލަ ދިމާވާތީ ރަށާއި އެއާޕޯޓާ ވަކިކޮށްލަން ނިންމައިފި އެވެ.

މިހާރު ދެ ދިމާ ގުޅުވާފައި އޮތީ ތާރު އަޅައިގެން ހަދާފައި އޮތް މަގަކުންނެވެ. ނަމަވެސް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު ނިންމާފައި ވަނީ އެއާޕޯޓާއި ހޯރަފުށީ މަގުން ވަކިކޮށްލައި ދޭތެރޭގައި ކޯޒްވޭއެއް ހެދުމަށެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިހާރު ކުރަމުން އަންނަނީ އެ މަސައްކަތުގެ ޑިޒައިނިން މަސައްކަތް ކަމަށެވެ.

"ވަރަށް ރަނގަޅަށް މިކަމުގެ ޑިޒައިން މަސައްކަތް ކުރަން ޖެހޭ. އެހެންވީމަ އެކަމަށް ވަގުތުކޮޅެއް އެބަ ނަގާ،" އޭނާ ވިދާޅުވި އެވެ. "މިކަން މި ކުރަނީ އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީގެ އިންޖިނިއަރުން ގުޅިގެން. މަހެއްގެ ތެރޭގައި ޑިޒައިނިނގ މަސައްކަތް ނިމޭނެ."

އާޒިމް ވިދާޅުވި ގޮތުގައި އޭގެ އަމަލީ ޖޫން ހިސާބުގައި ފެށޭނެ އެވެ.

ހޯރަފުށީ އެއާޕޯޓް ސަރައްހައްދު ގިރައި، ރަންވޭ މައްޗަށް ދޭތެރެ ދޭތެރެ އިން ލޮނާއި ވެލި އެޅުމަކީ ދިމާވަމުންދާ މައްސަލައެކެވެ. މީގެ ސަބަބުން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ވެސް ބުރޫއަރަ އެވެ. އަނެއްކޮޅުން އެއާޕޯޓް ހަދަން ބިން ހިއްކި ފަހުން ރަށަށް ވެސް ގިރުމުގެ މައްސަލަ ދިމާވެފައިވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހޯރަފުށީ އެއާޕޯޓްގެ ރަންވޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ފަށާފައިވެ އެވެ. މިއީ 90.5 މިލިއަން ރުފިޔާ ހަރަދުކޮށް، 360 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތެކެވެ.

ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވީ ނޮވެމްބަރު 19، 2020 ގަ އެވެ.