Last Updated: July 21, 11:26
Tuesday, July 21, 2026
ރިޕޯޓް

"ޗާޓައިމް"ގެ އައުޓްލެޓެއް އައްޑޫގައި ހުޅުވަނީ

ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، ޓައިވާންގެ ޓީހައުސް ފްރެންޗައިޒް "ޗާޓައިމް" ގެ އައުޓްލެޓެއް އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

"ޗާޓައިމް" ގެ އައުޓްލެޓް އައްޑޫގައި ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް ވަމުން އަންނައިރު، މިއީ އައްޑޫގައި ހުޅުވާ ބޭރުގެ ފުރަތަމަ ފްރެންޗައިޒް ބްރޭންޑެވެ.

"ޗާޓައިމް" އައުޓްލެޓެއް މާލޭގައި މީގެކުރިން ހުޅުވި ނަމަވެސް މާލެ އާއި ހުޅުލެއާ ދޭތެރޭގައި އެޅި ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން އެތަން ވަނީ ތަޅާލާފަ އެވެ. އެތަން އޭރު ހިންގީ ސްޓްރާޑާ ކުންފުނިންނެވެ.

"ޗާޓައިމް" 1،000 އަށް ވުރެ ގިނަ އައުޓްލެޓް 26 ގައުމެއްގައި ހުރެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ފްރާންސްގެ އިތުރުން ގަލްފުގެ ގައުމުތައް ކަމަށްވާ ޔޫއޭއީ، އޮމާން، ކުވައިތު އަދި ގަތަރު، ހިމެނެ އެވެ.

އިތުރުން އޭޝިއާ ސަރަހައްދުގެ 17 ގައުމެއްގައި ވެސް "ޗާޓައިމް" ހުރެ އެވެ. އޭގެ ތެރޭގައި އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު، ތައިލެންޑް ފަދަ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ގައުމުތައް ފާހަގަކޮށްލެވެ އެވެ.

"ޗާޓައިމް" އިން އުފައްދަނީ އެކި ވައްތަރުގެ ބުއިންތަކެވެ. އޭގެތެރޭގައި ބަބްލް ޓީ، އައިސްޑް ޓީ، އަދި ސައިގެ އެކި ވައްތަރުތައް ހިމެނެ އެވެ.