Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ސިއްހީ ދާއިރާއަށް އަންނަނީ އިތުބާރު ލިބެމުން

ރައްޔިތުންގެ އިތުބާރު ޞިއްޙީ ދާއިރާއަށް ލިބެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަމުން ނަސީމް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ޞިއްޙީ ދާއިރާއަށް މިއަދު ލިބެމުން ދަނީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު، ޞިއްޙީ ނިޒާމު އަލުން ބައްޓަންކޮށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ.

އެގޮތުން އެ އިތުބާރު ލިބެމުންދަނީ ޚިދުމަތް ހޯދުމަށް ޒަމާނުއްސުރެ ވެސް ރައްޔިތުންނަށް އޮތް ބޮޑެތި ތަކުލީފުތަކާ ގޮންޖެހުންތަކަށް ޙައްލު ހޯދައި ދިނުމަށް ރައީސް އިސްނަންގަވާފައިވާތީ އާއި ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޓާޝަރީ ފަރުވާގެ ޚިދުމަތް ޤާއިމުކޮށް، އަތޮޅާ އަދި ސަރަޙައްދީ ފެންވަރުގައި، ސްޕެޝަލިސްޓުންގެ ޚިދުމަތާއި، ތަފާތު ޓެސްޓްތައް ހެދުމުގެ ފުރުޞަތުތައް ފަހި ކޮށްދެވެމުން ދާތީ ކަމަށް ނަސީމް ވިދާޅުވި އެވެ.

"އިމަޖެންސީ ފަރުވާޢާއި ރިފަރަލް ގެ ކަންކަން އިންތިޒާމުކޮށް އިތުރަށް ހަރުދަނާ ކުރުމަށް ސަމާލުކަން ދެމުން ގެންދާތީ. ރައްޔިތުންނާ ގާތުން ޞިއްޙީ ފަރުވާއާއި، ބޭހާއި ވެކްސިން އަދި އާއްމު ޞިއްޙަތުގެ ޚިދުމަތްތައް ލިބިދިނުމަށް އިސްކަން ދެވިފައި ވާތީ. މި ކަންކަމުގެ ފޮނި ނަތީޖާ ޙާޞިލު ކުރެވެން އަންނަނީ ޞިއްޙީ ޚިދުމަތަކީ ދައުލަތާއި މުޅި މުޖުތަމަޢު ގުޅި ޝާމިލް ވެގެން ދެވޭ ޚިދުމަތެއް ކަމުގައި ދެނެގަނެ ޕްރައިވެޓް ސެކްޓަރގެ ދައުރުވެސް ފުރިހަމައަށް ޝާމިލު ކުރެވިގެން." ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ މި ކާމިޔާބީތައް ޙާޞިލު ކުރެވިފައި މިވަނީ، މިއިން ޒަމާނެއްގައި ވެސް ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައި ނުވާފަދަ ބޮޑެތި ގޮންޖެހުންތަކާ އެކުގައި ކަމަށެވެ. އަދި ޞިއްހީ ދާއިރާއަކީ، ގޮންޖެހުންތައް ގިނަ، ތަފާތު މައްސަލަތައް ފުނިޖެހިފައިވާ، ވަރަށް ބޮޑެތި އިޞްލާޙި ބަދަލުތައް ގެނެސްގެން ނޫނީ، ޚިދުމަތްތައް ރަނގަޅު ނުކުރެވޭނެ ޙާލަތުގައި އޮތް ދާއިރާއެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ހާލަތުގައި އޮއްވާ، ކޮވިޑް19 ގެ ވަބާއާ ގައުމު ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވަމުން ނަސީމް ވަނީ
މި ނާޒުކު ޙާލަތުގައި ވެސް ރާއްޖެ އިން ދުނިޔެއަށް ނަމޫނާ ދައްކުވައިދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސީދާ ބެއްލެވުމުގެ ދަށުން މިއީ ކޮވިޑްގެ ކަންކަން އެންމެ ރަނަގަޅަށް 'މެނޭޖް" ކުރި އެއް ޤައުމު. އެންމެ އަވަހަށް ބޯރޑަރ ހުޅުވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙަރަކާތްތަކަށް ރުޖޫ ވި ޤައުމު. ކޮވިޑްގެ އެންމެ ނުރައްކާ ޙާލަތުން އެންމެ އަވަހަށް އަރައިގަން އެއް ޤައުމަކީ ދިވެހިރާއްޖެ." ނަސީމް ވިދާޅުވި އެވެ.