Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ބައިސްކަލްގައި އުޅުމުގެ އާދަ އިޔާދަކުރަން އެދިއްޖެ

ނައިބު ރައީސް ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ބައިސްކަލްގައި އުޅުމުގެ އާދަ އިޔާދަކުރަން ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ކުދިކުދި ރަށްތަކުގައި ސައިކަލާއި ކާރުތަކުގައި އަބަދު އުޅެ ދުރަށްދާންޖެހޭ ކަހަލަ ހިސާބެއް އޮތްތޯ ވިސްނާލަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ޖެހިގެން ހުންނަ ގެއަށް ނުވަތަ އޮފީހަށް ފައި މަގުގައި ހިނގާފައި ދިޔުން އާދައަކަށް ނެހެދެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޮޑުވެގެން އައިއިރު ފެނުނީ ބައިސްކަލް. އަޅުގަނޑުމެން ދުއްވީ ބައިސްކަލް. ގަޑި ނުޖެހޭ، ސްކޫލަށް ވެސް ގަޑިއަށް ދަނީ ބައިސްކަލްގައި. އޮފީހަށް ވެސް ދަނީ ބައިސްކަލްގައި." ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ދުނިޔޭގެ އެންމެ ތަހުޒީބުވެފައިވާ ގައުމުތަކުން ވެސް ފެންނަނީ އޮފީހަށާއި ސްކޫލަށް އަދި ހަފްލާތަކަށް ވެސް ބައިސްކަލުގައި ދާ މަންޒަރު ކަމަށެވެ. އެގޮތުން ނައިބު ރައީސް ވަނީ މި އާދަތައް ރައްޔިތުންގެ ކިބައިގައި އަށަގަންނުވަން ކައުންސިލްތަކަށް އިލްތިމާސްކުރައްވައިފަ އެވެ.

"ވަކިން ހާއްސަކޮށް ރަށްތަކުގެ ކައުންސިލްތަކަށް ގޮވާލަން ބޭނުންވޭ މި އާދަތައް އަށަގަންނުވަން އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ." ނައިބު ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކުރުމަށްޓަކާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެންނަންޖެހޭ ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން ހެލިފެލިވުން އިތުރުކުރުމުގެ މުހިއްމުކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.