Last Updated: July 17, 06:30
Friday, July 17, 2026
ދީން

ހައްޖަށް މި އަހަރު މިލިއަން މީހުން ދާނެ

މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ފުރުސަތު އެއް މިލިއަން މީހުންނަށް ދިނުމަށް ސައުދީ އަރަބިއްޔާ އިން ނިންމައިފި އެވެ.

ސައުދީގެ ހައްޖާއި އުމްރާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ބުނީ ސައުދީ އާއި އެހެނިހެން ގައުމުތަކުގެ މީހުން ހިމެނޭ ގޮތަށް މިއަހަރު ޖުމްލަ އެއް މިލިއަން މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 65 އަހަރުން ދަށުގެ މީހުންނަށާއި ސައުދީގެ މިނިސްޓްރީގެ އޮފް ހެލްތުން ގަބޫލުކުރާ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަށް އަންނަ ފަރާތްތައް 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑްގެ ސަބަބުން ފާއިތުވި ދެ އަހަރު ވެސް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާކޮށްފައިވަނީ 58،745 މީހުންނެވެ.

ކޮވިޑް އައުމުގެ ކުރިން ކޮންމެ އަހަރަކު ވެސް ހައްޖުގެ އަޅުކަން ގާތްގަނޑަކަށް ދެ މިލިއަން މީހުން އަދާކުރެ އެވެ.