Last Updated: April 25, 20:04
Thursday, April 25, 2024
ރިޕޯޓް

ރޯދަ ރަހަ: ސޮސެޖް ޕާސްޓާ

* ބޭނުންވާ ތަކެތި:

2 ޖޯޑުޕާސްޓާ
1.5 ލީޓަރު ފެން
½ މޭޒުމަތީ ސަމުސާ ލޮނު
4 ލޮނުމެދު (ކޮށާފައި)
2 ހިކި މިރުސް (ކޮށާފައި)
4 ސޮސެޖް (ކޮށާފައި)
½ 1 މޭޒުމަތީ ސަމުސާ ބަޓަރު
½ ސައިސަމުސާ ޑްރައިޑް އޮރެގަނޯ
1/3 ޖޯޑު ގާނާފައި ހުރި ޗީޒް

* ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ފެން އަޅައި ބޮކި ޖަހާ ކެކި ގަންނަންދެން ކައްކާށެވެ. ދެން ލޮނާއި ޕާސްޓާ ފެންގަނޑުގެ ތެރެއަށް އަޅައި ޕާސްޓާކޮޅު މަޑުވަންދެން ކައްކާށެވެ. އަހަރުމެންނަށް މިކަންވީ 12 ވަރަކަށް މިނިޓުންނެވެ. ޕާސްޓާ ކެކި ނިމުމުން ކެއްކި ފެންގަނޑުން ޖޯޑެއްގެ ފެން ނަގާފައި ފަހަށް ބަހައްޓާށެވެ.
ތެއްޔެއް އުދުން މައްޗަށް އުދައި ރަނގަޅަށް ހޫނުކޮށްފައި އޭގެ ތެރެއަށް ސޮސެޖްކޮޅު އަޅާލާށެވެ. ދޭތެރެއަކުން ހާވާލަމުން ސޮސެޖްކޮޅު މިގޮތަށް ފިހެލާށެވެ. ފިހާނީ ދެފުށަށް ވެސް ރަންމުށިކުލަ އަރާލަންދެނެވެ. ދެން ތެލީގެ ތެރެއަށް ބަޓަރާއި، ލޮނުމެދާއި، އޮރެގަނޯ އަދި ހިކިމިރުސްކޮޅު އަޅައި ސޮސެޖުތަކާއި އެއްކޮށްލާށެވެ. ބަޓަރުކޮޅު ވިރި ލޮނުމެދުކޮޅު މަޑުވަންދެން ކައްކާލާށެވެ. މިކަމަށް ނަގާނީ މިނިޓެއް ވަރެވެ.

އެއަށް ފަހު ކެއްކި ޕާސްޓާ އާއި ޗީޒް އަދި ނަގަފައި ބެހެއްޓި ޕާސްޓާ ކެއްކި ފެނުން ½ ޖޯޑު ތެއްޔަށް އަޅާށެވެ. ދެން މަޑު ގިނީގައި ބަހައްޓައިގެން އެއްކުރަމުން ކައްކަމުން ގެންދާށެވެ. ދެތިން މިނިޓެއްގެ ތެރޭގައި އެތަކެތި އޮމާން ސޯސްއަކަށް ބަދަލުވާނެއެވެ.
ތެލީގައި ހުރި ތަކެތި މާ ހިކިކޮށް ހުރިހެން ހީވާނަމަ ނަގާފައި ބެހެއްޓި ޕާސްޓާ ކެއްކި ފެނުން ¼ ޖޯޑުވަރު އަނެއްކާވެސް ތެއްޔަށް އަޅައި އެއްކުރަމުން ކައްކާލާށެވެ. ބޭނުމިއްޔާ ބާކީހުރި ފެންފޮދު ވެސް އަޅާލެވިދާނެއެވެ.