ސަރުކާރުގެ އޮފީސްތަކުން އަންނަ އަހަރު އަލަށް ހިންގަން ރާވާ މަޝްރޫއުތަކުގެ މައުލޫމާތު އަންނަ މަހުގެ 30 ގެ ކުރިން ދޭން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި ބުނީ 2023-2025 ހަމައަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުން އަންނާތީ ސަރުކާރުގެ އޮފީސްތަކުން އަލަށް ކުރަން ކަނޑައަޅާ ކަންކަން އަދި މަޝްރޫއުތަކުގެ މައުލޫމާތު އެނގެން ބޭނުންވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ މުއްދަތަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓަކީ ސް ޓްރެޓީޖިކް އެކްޝަން ޕްލޭނާއި ނޭޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭން (އެސްއޭޕީ/ އެންއާރްއާރް) ގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. އެގޮތުން ބަޖެޓު އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ ގޮތުގައި ދައުލަތުގެ އޮފީސް ތަކުން އަލަށް ފެށުމަށް ރާވައިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އެކުލަވާލައި މި މިނިސްޓްރީ އަށް ހުށަހެޅުން ހިމެނެ އެވެ.
"ނިއު ޕޮލިސީ އިނިޝިއޭޓިވްސް އެކުލަވާލުމުގައި ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ކަންތައްތަކަކީ ސަރުކާރުން އެކުލަވާލާފައިވާ އެސްއޭޕީ އަދި އެންއާރްއާރްގައި ހިމެނޭ ކަންތައްތައް ހާސިލްވާނެގޮތަށް އެކުލަވާލާފައިވާ ކަންތައްތައްކަމުގައި ވާންވާނެ އެވެ،" ސާކިއުލާގައިވެ އެވެ. "އަދި ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ގޮތުގައި ހުށަހަޅާ ޕްރޮގްރާމް ނުވަތަ މަޝްރޫއުގެ ސަބަބުން މިންތީގެ ހަމަހަމަކަމަށް ކުރާނެ އަސަރާއި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (އެސްޑީޖީ) ގޯލްތަކާއި ހުރި ގުޅުން ބަޔާންކުރަން ވާނެ އެވެ."
ސަރުކާރުގެ މި އަހަރުގެ ބަޖެޓަކީ 37 ބިލިއަން ރުފިޔާ އެވެ.