ރާއްޖޭގައި މިހާރު ބޯހިޔާވަހި ކަމަށް ކުރެވޭ އެންމެ އާންމު ކަމަކީ ފްލެޓްއެޅުމެވެ. ފްލެޓްކާއި ހައުސިން ޔުނިޓް ފަދަ ތަންތަން އަޅައި އެތަންތަން ކުއްޔަށް ދިނުމެވެ. މާލެ ސަރަހައްދަކީ ރާއްޖޭގައި މި މޮޑެލް އެންމެ ބާރަށް، ހަލުވިކޮށް ބޯހިޔާވަހިކަމަށް ބައްޓަންވަމުން އަންނަ ތަނެވެ.
މި ކުލަވަރު މިހާރު ރާއްޖޭގެ ރަށްރަށުން ވެސް ވަނީ ފެންނަން ފަށައިފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމިގެން ދިޔަ އިރު ރާއްޖޭގައި ބޯހިޔާވަހި ކަމަށް އޮތް އާންމު އުސޫލަކީ ރަށްރަށުން ރައްޔިތުންނަށް ބިން ދޫކުރުމެވެ.
ފްލެޓާއި ހައުސިން ޔުނިޓް ފަދަ ތަންތަން ތިލަވާން ފެށީ ހަމަ ހަގީގަތުގައި ވެސް ރަށްރަށުން އެންމެންނަށް ދޭނެ ބިން ނެތިގެން ހެއްޔެވެ؟ އެ ސުވާލާ އެކު ދައްކާނީ އައްޑޫގެ ވާހަކަ އެވެ. އައްޑޫގެ އާބާދީ އަށް ބަލާ އިރު ގިނަ މީހުންނަކީ ބޮޑެތި ގޯތިތަކުގއި ގެ އަޅައިގެން ދިރިއުޅޭ މީހުންނެވެ. ދަރިންގެ މެދުގައި ގޯތި ބަހަން ޖެހި، ބިންކޮޅު ފޮތިފޮތިކުރަން ޖެހުނަސް ގިނަ ބަޔަކަށް މާ ބޮޑު މައްސަލައަކަށް ނުވެ އެވެ.

މިހާރުގެ ހާލަތަށް ބަލައިފި ނަމަ އައްޑު އަށް ބިމުގެ ދަތިކަން އެބައޮތެވެ. ހާއްސަކޮށް ދިރިއުޅެން ގޯތި ދޫކުރުމުގަ އެވެ. އައްޑޫގެ ގިނަ އަވަށްތަކުން ގޯތި ދޫނުކުރާތާ ވެސް އެތައް އަހަރެއްވެއްޖެ އެވެ އެއާ އެކު މިހާރު ބޮޑަށް ދެކެވެނީ ވެސް ގޯތި ދޫކުރާ ވާހަކައިގެ ބަދަލުގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތައް އަޅާ ވާހަކަ އެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ވެރިކަމުގެ ދެ ދައުރެއްގައި އައްޑޫގައި ވަނީ މަޝްރޫއުތަކެއް ވެސް ހިންގައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގެ ދެ ދިމާއެއްގައި 25 ހައުސިން ޔުނިޓް އަޅާފައިވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ހިތަދޫގައި 264 ފްލެޓް އަދި ހުޅުމީދޫގައި 48 ފްލެޓް އަޅާފައިވެ އެވެ. މި ސަރުކާރުން މިހާރު އޮތީ އައްޑޫގައި އިތުރު 200 ފްލެޓް އަޅަން ނިންމައިފަ އެވެ. އެގޮތުން ފޭދޫގައި 75 ހައުސިން ޔުނިޓް އަޅަން މިހާރު އޮތީ ބީލަމަށް ވެސް ހުޅުވާލައިފަ އެވެ.
ސުވާލަކީ އައްޑޫ ރައްޔިތުން ވެސް ބޭނުން ވަނީ މިހާރު ގޯތީގެ ބަދަލުގައި ފްލެޓާއި ހައުސިން ޔުނިޓްތަކުގައި ދިރިއުޅެން ހެއްޔެވެ؟ ބޯހިޔާވަހި ކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެއީ ހެއްޔެވެ؟

ފާހަގަކޮށްލަން ޖެހޭ ކަމަކީ ގޯތި ލިބި މާލީ ދަތިކަމާ ހެދި ގެ ނެހެދިފައި ތިބި ބައިވަރު މީހުން އައްޑޫގައި އެބަތިބި ކަމެވެ. ފައިސާ ނެތިގެން ގެ ނެތި ޒަމާންވީ އެތައް ގޯއްޗެއް އެބައޮތެވެ. އެހެންވެ އެ މީހުންނަށް އެކަން ކުރެވޭނެ ފަސޭހަ، ލުއި ގޮތެއ މުހިއްމެވެ. އަނެއްކޮޅުން ޖާގަ ތަނަވަސް ވަކިވަކި ގޯތީގައި ދިރިއުޅުމަކީ ގިނަ ބަޔަކަށް މާ ހިތްފަސޭކަމެކެވެ. ފްލެޓް ފަދަ ކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން އުޅެން ޖެހުމަކީ އިޖުތިމާއީ އެތައް މައްސަލައެއް ވެސް ނުކުންނަ ކަމެކެވެ.
އައްޑޫގައި ބޯހިޔާވަހި ކަމަށް ބަލާ އިރު، ސަރުކާރާއި އައްޑޫ ސިޓީގެ ޕްލޭންތަކުގައި ވެސް ބޮޑަށް ހުރީ ފްލެޓާއި އެޕާޓްމަންޓް ފަދަ ތަންތަން ހަދައި ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ. ވަރަށް ފަހުން ބޭރުގެ ދެ ކުންފުންޏަކާ އެކު ހައުސިން މަޝްރޫއުތަކެއް ކުރިއަށް ގެންދަން ކައުންސިލުން ސޮއިކޮށްފައިވެ އެވެ. އެއީ ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި ޗައިނާގެ ބީޔޫސީއެންޖީއާ އެކު އެވެ. މީގެ ތެރޭގައި ގޯތިތަކުގައި އަތްފޯރާ އަގުތަކެއްގައި ގެ އިމާރާތްކޮށް ދިނުން ވެސް ހިމެނެ އެވެ.
މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާ ގޮތުގައި އެ މަޝްރޫއަކީ އައްޑޫގެ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް އަންނާނެ ކަމެކެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އައްޑޫގެ ބިން ހިއްކަން މިހާރު ބޮޑު މަޝްރޫއެއް ކުރިއަށް އޮތުމުން އެއީ ބިމުގެ ދަތިކަން ހައްލުކުރެވި، ގޯތި ވެސް ދޫކުރެވޭނެ ކަމެކެވެ.
އަދި ބިން ހިއްކުމުން އައްޑޫގައި ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ މަގުފަހިވެގެން ދާނެ އެވެ. ނިޒާރު ވިދާޅުވެފައިވާ ގޮތުގައި ޕްރައިވެޓް ބައެއް ކުންފުނިތަކުން އައްޑޫގައި މިފަދަ މަޝްރޫއުތައް ހިންގަން ޝައުގުވެރިކަން ފާޅުކުރަމުން ދިޔަޔަސް، އޮތް އެންމެ ބޮޑު މައްސަލަ އަކީ ބިމުގެ ދަތިކަމެވެ.

ކޮންމެއަކަސް ރާއްޖޭގައި ބޯހިވަހިކަމަށް ކުރެވޭ މަސައްކަތްތައް މި ވަނީ ބަދަލުވެފަ އެވެ. މާލެ ސަރަހައްދުގައި މި ކުލަވަރު މިހާރު ބޮޑަށް ފެންނަން އޮތަސް ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ރަށްރަށުން ވެސް ފެންނާނީ ހަމަ މާލެ ސަރަހައްދުން ފެންނަ ކުލަވަރުކަން ޔަގީނެވެ.
އެކަމަކު އެއީ ހަމަ ގިނަ މީހުން ބޭނުންވާ ގޮތް ހެއްޔެވެ؟