Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ހިތަދޫގެ ދަނޑެއް ނިންމައި ނުދީގެން ކަންބޮޑުވުންތަކެއް

އައްޑޫ ހިތަދޫގައި ހަދަން ފަށާފައި އޮތް ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް ހަ އަހަރުވީ އިރު ވެސް ނުނިމި އޮތުމާ ގުޅިގެން އެ އަވަށުގެ ކުލަބަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެފްސީ ސްޕްރިންޓިން މިއަދު ފޭސްބުކްގައި އައްޑޫ ސިޓީ ކައުންސިލާއި ޔޫތު މިނިސްޓްރީ އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ޓެގްކޮށް އާންމުކުރި ޕޯސްޓެއްގައި ހިތަދޫ ޒޯން ސްޓޭޑިއަމްގެ އިރުދެކުނު ފަރާތުގައި ދަނޑު ހަދަން ފެށީ 2016 ގައި ކަމަށާއި އޭގެ ފަހުން މިހާރު ހަ އަހަރުވީ އިރު ވެސް އެތަނުގައި އެއްވެސް މަސައްކަތްކުރެމުން ނުދާ ކަމަށެވެ.

އެ ކުލަބުން ބުނީ އެ ދަނޑު އެއްވަރުކޮށް، ފަސް އަޅައި ލައިޓް ވެސް ޖެހި ނަމަވެސް އެ ދިއްލޭނެ އިންތިޒާމެއް ހަމަޖައްސާފައި ނެތުމުގެ އިތުރަށް ދަނޑު މިހާރު އޮތީ ވަރަށް ބޮޑަށް ވިނަ ވެސް ފަޅައި ބޭނުން ނުކުރެވޭ ފަދަ ހާލަތެއްގައި ކަމަށެވެ.

"ކޮންމެ އަހަރަކު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގެ ބަޖެޓަށް މި ދަނޑަށް ބޭނުންވާ ތަކެތި ހޯދުމަށާއި ދަނޑަށް ގެންނަން ޖެހޭ ބަދަލު ގެންނަން ބަޖެޓްގައި ޖަހާ ވާހަކަ އިވޭ،" ސްޕްރިންޓުން ބުންޏެވެ. "ނަމަަވެސް ބަޖެޓް ފާސްކުރާ އިރު މި ދަނޑުގައި ގާއިމުކުރާ ފުޓްސަލް ޕިޗަށް ބޭނުންވާ އަދަދު އުނިކޮށްފައިވާކަން ފާހަގަކުރަން."

އެ ކުލަބުން ބުނި ގޮތުގައި ކުޅޭނެ އަމިއްލަ ދަނޑެއް ނެތުމުން މިހާރު އެ ކުލަބްގެ ކުޅުންތެރިން ކުޅެނީ ސްޓޭޑިއަމްގައި ކުރިން ބޭނުންކުރި ނެޓްބޯޅަ ޕިޗްގަ އެވެ. އަދި އެތަން މިހާރު ބޭނުން ކުރަނީ ބޭނުންކުރެވޭ ވަރަށް އަމިއްލަ ހަރަދެުގައި ހަދައިގެން ކަމަށް ސްޕްރިންޓުން ބުންޏެވެ.

ނަމަވެސް އެތަންނަށް ވެސް އެއްވެސް ކުރިއެރުމެއް ނުގެނެވި އެތައް ދުވަހެއްވެފައިވާ އެތަން މިހާރު ބޭނުން ކުރަނީ ސްޓޭޑިއަމުން ބޭރުކުރާ ކުނި އަޅާ ތަނެއްގެ ގޮތުގައި ކަމަށް ވެސް ބުންޏެވެ.

"…އަދި މިކަން ސަރުކާރުގެ [ކަމާ ބެހޭ] އިދާރާތަކުގެ ސަމާލުކަމަށް ގެންނަން ވަރަށް ބޮޑަށް ބޭނުންވޭ." ސްޕްރިޓުން ބުންޏެވެ.