Last Updated: June 13, 11:31
Saturday, June 13, 2026
ޚަބަރު

ފްލެޓްވެރިން ކުރި ހަރަދު ހަމަވަންދެން ކުލި ކުޑަކުރަން ގޮވާލައިފި

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން އެތަނަށް ކުރި ހަރަދު ހަމަވަންދެން ކުލީގެ ގޮތުގައި ނަގާ އަދަދު ކުޑަކުރުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ހިޔާ ފްލެޓްތަކުން ކުލި ނަގަން ފަށާފައިވާއިރު، ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ ފްލެޓް ކަމަށްބުނި ނަމަވެސް އެ ފަރާތްތަކަށް ފްލެޓެއް ނުދެވޭ ކަމަށާއި، ދެވުނީ ހަތަރު ފާރުކަމަށެވެ.

ފްލެޓްތަކުގައި ދޮރު ހަރުކޮށް މުށިޖަހާ ކުލަލާ ހެދީ ކުއްޔަށް ހިފި ފަރާތްތަކުންކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ، އިންސާފުވެރި ގޮތަކީ ހިޔާ ފުލެޓް ލިބުނު ފަރާތްތަކުން އެތަނަށް ކުރި ހަރަދު ހަމަވަންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުން ކަމަށެވެ.

"އިންސާފުވެރި ގޮތަކީ ހިޔާ ފުލެޓް ނަމުގައި 4 ފާރު ލިބުނު ފަރާތްތަކުން ކުރި ހަރަދު ހަމަވާންދެން މަހަކު 4500 ރުފިޔާ ކުލީގެ ގޮތުގައި ނެގުމެވެ." ބޮންޑޭގެ ޓްވީޓްގައިވެއެވެ.

ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީއާ އެކު 8،500ރ. އެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު 20،000 އެއްހާ މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ދާދި ފަހުން ހެދި ސާވޭއަކުން ދައްކާ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.