އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
މި މެޗުން ބަލިވުމުން ލީގުގެ ގަދަ ހަތަރަކަށް އެރުމަށް ޔުނައިޓެޑުން ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ. އެޓީމު މިވަގުތު އޮތީ 31 މެޗުން ލިބުނު 51 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ. އެވަޓަން އޮތީ 30 މެޗުން ލިބުނު 28 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.
އެންމެފަހުން ލީގުގައި ކުޅުނު ދެ މެޗުން ވެސް ބަލިވި އެވަޓަން އިން މިރޭ ޔުނައިޓެޑް ބަލިކުރިއިރު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެވަޓަން އަށް މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަން އެވެ. މި ގޯލު ވަދެފައިވަނީ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ގޯޑަން ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާގެ ގައިގައި ޖެހިފަ އެވެ.
މެޗުގެ ދެވަނަ ހާފްގައި އެވަޓަން އިން މުޅި ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ފައިބައިގެން ކުޅުނުއިރު ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތައް އެވަޓަން ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރޮނާލްޑޯ ފޮނުވާލި ހަމަލާއެއް އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފަ އެވެ.
މިއީ މޮޅެއް ނުލިބި ޔުނައިޓެޑުން ލީގުގައި ނިންމާލަން ޖެހުނު ދެވަނަ މެޗެވެ. އެގޮތުން ލީގުގައި އެންމެފަހުން އަމިއްލަ ދަނޑުގައި ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ނޯވިޗް ސިޓީއާ އެވެ. އެވަޓަން ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.