Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

ކަށިކެޔޮ އައިސް ކްރީމް ބޯނީ އައްޑޫގައި

ކަށިކެޔޮ ބޭނުންކޮށްގެން ދިވެހިން ވަރަށް ގިނަ ކާ އެއްޗެހި ހަދަ އެވެ. ހާއްސަކޮށް ފޮނި އެއްޗިއްސެވެ. އެކަމަކު އާންމުކޮށް ލިބޭ އައިސް ކްރީމްގެ ރަހަތައް ކަމަށްވާ ޗޮކްލެޓާއި ވެނީލާގެ އިތުރުން ސްޓްރޯބެރީ އެއްފަރާތްކޮށްފައި ކަށިކެޔޮ އައިސް ކްރީމް ކިހިނެއް ވާނެ ހެއްޔެވެ؟

ހަމަ ގައިމު ވެސް ވަރަށް ތަފާތު ރަހައަކަށް ވާނެ އެވެ. ހާއްސަކޮށް ދިވެހިންނާ ގުޅޭ ދިވެހިވަންތަ ރަހައަކަށް ވާނެ އެވެ. އެހެންވީމާ ކަށިކެޔޮ އައިސް ކްރީމް މިހާރު އައްޑޫގައި ބޯލެވިދާނެ އެވެ. އައްޑޫ ފޭދޫގެ ކުޑަވަރެއްގެ ރެސްޓޯރަންޓަކުން އަންނަނީ ކަށިކެޔޮ އައިސްކްރީމް ތައްޔާރުކޮށް ވިއްކަމުންނެވެ. އައްޑޫ ބަހުން ކިޔާ ގޮތަށް މިއީ "ކޭވައް" އައިސް ކްރީމެވެ. ބަލާލެލުމަށް ކުލަ ސްޓްރޯބެރީ އައިސް ކްރީމާ އެއްގޮތް ވެދާނެ އެވެ. އެކަމަކު ރަހަ މުޅިން ތަފާތުވެފައި، ދިވެހިންނާ މާ ބޮޑަށް ވެސް ގުޅެ އެވެ.

 

View this post on Instagram

 

A post shared by Theyravaa Inn (@theyravaainn_)

"ކޭވައް" އައިސް ކްރީމް އައްޑޫގައި ވިއްކަނީ ފޭދޫގައި ހިންގާ "ތޭރަވާ އިން" އިންނެވެ. ކުޑަވަރެއްގެ މި ރެސްޓޯރަންޓުން އެކްސްޕެރިމަންޓްކޮށްގެން ފެށި "ކޭވައް" އައިސް ކްރީމްވެފައި ވަނީ ވަރަށް މަގުބޫލު އެއްޗެކެވެ. ޑިމާންޑް ހަމަ ވަރަށް ބޮޑެވެ. އެކަމަކު ދައްޗަކީ ކަށިކެޔޮ ހޯދުމެވެ.

"ވަރަށް ހިނގާ އެއްޗަކަށް މީތިވެފައި މި އޮތީ. ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް ކޭވައް އައިސް ކްރީމް ހަމަ ވަރަށް ކަމުދޭ،" އާއިލީ ވިޔަފާރިއެއްގެ ގޮތުގައި ހިންގާ "ތޭރަވާ އިން" ގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅޭ އެކަކުގެ ތެރެއިން މަހުރޫޒް ވަހީދު "އައްޑޫ ލައިވް" އަށް ބުންޏެވެ.

 

View this post on Instagram

 

A post shared by Theyravaa Inn (@theyravaainn_)

އޭނާ ބުނި ގޮތުގައި ކަށިކޭލުން އައިސް ކްރީމް ހެދުމުގެ ހިޔާލަކީ ދިވެހި ރަހައެއް އައިސް ކްރީމްގެ ތެރެއަށް ގެނައުމެވެ.

"ދެން މީތި ފުދޭ ވަރަކަށް އެކްސްޕެރިމަންޓްކޮށްގެން ވިއްކަން ފެށި ފަހުން ހަމަ ވަރަށް ޑިމާންޑް އޮންނަ އެއްޗަކަށްވީ." މަހުރޫޒް ބުންޏެވެ.

"ކޭވައް" އައިސް ކްރީމްގެ އިތުރުން "އިރުވައި އިން" "ކޭވައް" ކޭކް ވެސް ވިއްކަ އެވެ.

 

View this post on Instagram

 

A post shared by Theyravaa Inn (@theyravaainn_)

ހާއްސަކޮށް ފިނި ބުއިންތަކަށް ހާއްސަ "ތޭރަވާ އިން" ހަތް ރަހައެއްގެ އައިސް ކްރީމް ވިއްކަ އެވެ. އޭގެ ތެރެއިން "ކޭވައް" އައިސް ކްރީމާ އެކު އެތަނުގެ އަމިއްލަ ރަހައެއްގެ ގޮތުގައި އިތުރު އެހެން ދެ ރަހައެއް ވެސް ވިއްކަ އެވެ. އެއީ ޕިސްޓާޗިއޯ އާއި އޯރިއޯ އެވެ.

"އައިސް ކްރީމްގެ އިތުރަށް އެކި ވައްތަރުގެ ފްރެޝް ޖޫހާއި ޖޫގޯ ވެސް ލިބޭނެ. ކުރުނބާ ފުޅި އާއި ރުކުރާ ވެސް ލިބޭނެ އަދި މިއާ އެކީ ބާގާ އާއި ސަބްމެރިން ކަހަލަ އެއްޗެހި ވެސް ލިބެން ހުންނާނެ،" މަހުރޫޒް ބުންޏެވެ. "އަހަރެމެން ޓޭކްއަވޭ ވެސް އިންނާނެ. އަދި ގުޅާފައި އޯޑަރު ދިނީމަ ގެންގޮސްދެވޭނެ."

އާދައިގެ ގާޑިޔާލަކުން އާއިލާ ތެރޭގައި ފެށުނު މި ވިޔަފާރި މިހާރު އަންނަނީ މަޑުމަޑުން ފުޅާވަމުންނެވެ. އެގޮތުން ތަން ހިންގަން ހާއްސަ ތަނެއް ހަދައި އެތަނުގެ ބޭރުގައި ތިބެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ. "ތޭރަވާ އިން" ހުރީ ފޭދޫގެ މިހާރު އެންމެ ހިތްގައިމު އެއް ހިސާބު ކަމަށްވާ ސަންސެޓް ބީޗާ ކުރިމަތީ ކަހަލަ ގޮތަކަށެވެ. ތަން ހުރީ ހިޔާކަން ބޮޑު ފެހިކަން ގަދަ ހިތްފަސޭހަ ތަނެއްގަ އެވެ. އެތަން ހަދާފައި ހުރީ މަހުރޫޒެމެންގެ ގެއާ ގުޅުވައިގެންނެވެ.

 

View this post on Instagram

 

A post shared by Theyravaa Inn (@theyravaainn_)

އާއިލީ މި ވިޔަފާރީގެ ތެރޭގައި އާއިލާގެ ފަސް މީހަކު ވަރަށް ހަރަކާތްތެރިކޮށް އުޅެ އެވެ. އޭގެ ތެރޭގައި މަހުރޫޒްގެ މަންމަ އާއި ބޭބެއެއްގެ އިތުރުން ކޮއްކޮއެއް ވެސް ހިމެނެ އެވެ.

"މިއީ ހަމަ މުޅިން އާއިލީ މަސައްކަތެއް، ވިޔަފާރީއެއް. އަހަރެމެން ނުގެންގުޅެން އެއްވެސް ބިދޭސީއަކު." އާންމުކޮށް މިފަދަ މަސައްކަތްތަކުގައި ބިދޭސީން ގެންގުޅޭތީ އެކަމަށް އިޝާރާތްކޮށް މަހުރޫޒް ބުންޏެވެ.

 

View this post on Instagram

 

A post shared by Theyravaa Inn (@theyravaainn_)

އޭނާ ބުނި ގޮތުގައި ދިވެހި އުފެއްދުންތައް ވިއްކަން ހާއްސަކުރި ގާޑިޔަލުގެ ވިޔަފާރީގައި އާއިލާގެ މީހުން ލި ހިތްވަރުގެ ސަބަބުން ވިޔަފާރި މިހާރު އެއަށް ވުރެ ފުޅާވީ އެވެ.

"އަސްލު ތަނެއް ހަދައިން ހުޅުވަން ދިމާވި ގޮތަކީ ލޯކަލް އެއްޗެހި ވިއްކަން ހުއްދަ ދޭ ގާޑިއާތަކުގައި ބުއިންތައް ތައްޔާރުކޮށްގެން ވިއްކުމުގެ ހުއްދަ ނޯންނަކަން އެނގުނީމަ އެކަން ކުރަންވެގެން މިކަން ފެށުނީ." މަހުރޫޒް ބުންޏެވެ.

އޭނާ ބުނި ގޮތުގައި އައްޑޫގައި ގިނަ ރެސްޓޯރަންޓްތަކެއް ހުއްޓަސް، ތަފާތު މާހައުލަކާއި ތަފާތު ރަހަތައް ތަޖުރިބާކުރަން ބޭނުންވާ މީހުން ގިނަ އެވެ. އެހެންވެ ވާދަވެރިކަން އޮތަސް، ޑިމާންޑަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް ބުންޏެވެ.

"ކޮވިޑާ ހެދި ވިޔަފާރި ވަރަށް ބޮޑަށް ދަށްވި ނަމަވެސް މިހާރު އަނެއްކާ ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަނީ." މީގެ ތިން އަހަރު ކުރިން ފެށި ވިޔަފާރިއާ ބެހޭ ގޮތުން މަހުރޫޒް ބުންޏެވެ.

 

View this post on Instagram

 

A post shared by Theyravaa Inn (@theyravaainn_)

"ތޭރަވާ އިން" އާ ބެހޭ ގޮތުން އޭނަ ދެއްކި ވާހަކަތަކުން އެނގުނީ މި މަސައްކަތަށް މުޅި އާއިލާ ވަރަށް "ޑެޑިކޭޓްކަމެވެ." އެންމެން ވެސް މިކަމުގައި އުޅެނީ ކަމާވެގެންނެވެ. އެހެންވެ "ކޭވައް" އައިސް ކްރީމް އެކްސްޕެރިމަންޓް ކުރި ގޮތަށް ކުރިއަށް އޮތް ތަނުގައި އައިސް ކްރީމްގެ އިތުރު، ދިވެހި ރަތަކެއް ގެނައުމަކީ ވެސް އުންމީދެކެވެ.

"މީގައި އޮންނާނީ ޓްރައިކުރުން ދޯ؟ އަހަރެމެން ބޭނުންވޭ ކަސްޓަމަރުންނަށް ތަފާތު ރަހަތައް ގެނެސްދޭން." މަހުރޫޒް ބުންޏެވެ.