Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މަސްކިރުވަން ބޭރުން ވަގުތީ ގޮތުން ބޯޓެއް ގެންނަނީ

މަސްވެރިން ބާނާ ހުރިހާ މަހެއް މިފްކޯ އަށް ނުކިރި އެކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް މަސް ގަންނަން ވަގުތީ ގޮތުން ބޭރުގެ ބޯޓެއް ހޯދުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އައްސަވަން ހުވަދު އޮޅުގައި ހުންނެވި މިނިސްޓަރު ވިދާޅުވީ ރޯދަ މަސް ފެށުނީއްސުރެ ދެކުނުގެ މަސްވެރިކަން އާދަޔާހިލާފަށް ރަނގަގަޅުވެފައިކަމަށެވެ. އަދި ދެކުނުގެ ހުރިހާ މަސްކިރާ ސެންޓަރުތަކަކުން މަސްގަނެވޭނެ އެެންމެ ގިނަ އަދަދަކަށް އެތަންތަނަށް އަންނަނީ މަސް ގަންނަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑރ. ހުސައިން ވިދާޅުވި ގޮތުގައި މާންދޫގައި 120 ޓަނާއި ކޫއްޑޫގައި 240 ޓަނާއި ޖަޒީރާ 102 ގައި 120 ޓަނާއި މަހާކަލަމިންޖާގައި 75 ޓަންގެ އިތުރުން ހުޅުމީދޫގައި 60 ޓަނު) ގެ ފުރީޒިންގ ކެޕޭސިޓީ އެބަހުއްޓެވެ. އެގޮތުން ޖުމްލަ 615 މެޓްރިކް ޓަނު ބޭނުންކޮށްގެން މަސްގަނެވޭނެ އެެެންމެ ގިނައަދަށް އެތަންތަނަށް ދަނީ މަސްގަންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިން ކިރަން ގެންނަ މަހުގެ މިންވަރު، 24 ގަޑިއިރެއްގެ ތެރޭގައި މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީއަ ވުރެ ބޮޑު ތަނުން އިތުރު ވަމުންދާތީ ކޮންމެ ދޯންޏަކުން މަސްކިރާ މިންވަރު ލިމިޓް ކުރަންޖެހިފައިވާ ކަމަށެވެ. މަސް ނުކިރި ކިޔޫގައި މަޑުކުރަން ޖެހިފައިވާކަމުގެ ހައްގު ޝަކުވާ މަސްވެރިން ކުރަމުންދާކަމަށާއި އެކަން މިގޮތަށް އޮތަސް މާންދު އާއި ކޫއްޑޫގެ އިތުރުން ހުޅުމީދޫން އަންނަނީ ކިޔު ތަރުތީބުން މަސްގަނެ، ދޯނިތައް ހުސްކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މަސްވެރިން ބާނައިގެން ގެންނަ ހުރިހާ މަހެއް އެއްބުރުން ނުގަނެވޭ މައްސަލަ ދާއިމީކޮށް ހައްލު ކުރެވޭނީ މަސް ފުރީޒްކުރާ ކެޕޭސިޓީ ދެކުނުގައި މިހާރު ހުރިވަރަށް ވުރެ އިތުރަށް ގާއިމުކޮށްގެން ކަމަށެވެ. އަދި ވަގުތީ ގޮތުން މިކަން ހައްލުކުރުމަށް މަސްގަނެ ފުރީޒުކުރާ ބޮޑު އުޅަނދެއް ފެލިވަރުން ކޫއްޑު އަށް މިހާރުވެސް ގޮސްފައިވާ ކަމަށާއި މަސްގަނެ ފިނިކޮށް ރައްކާކުރެވޭވަރު އިތުރު ކުރުމަށް މަސް ގަންނަ ބާޖެއް ވެސް މާންދޫގައި އަންނަނީ ބޭނުން ކުރަމުން ކަމަށް ވިދާޅުވިއެ ވެ.

މިފްކޯ އިން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ އަބަދުވެސް ގަނެވެން އޮތް އެންމެ ގިނަ އަދަދަކަށް މަސްވެރިންގެ އަތުން މަސް ގަތުމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ވެސް މަސްވެރިންގެ އަތުން 19،000 ޓަނުގެ މަސް ގަނެފައިވާ ކަމަށާއި އެއީ 300 މިލިއަން ރުފީޔާގެ މަސްކަމަށް ބުންޏެވެ.