Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހިތަދޫ ފްލެޓްތަކުގެ ރެއިލިން މަރާމާތް އަލުން ބީލަމަށް

އައްޑޫ ހިތަދޫގެ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހައި ހަލާކުވެފައިވާތީ އެކަން ހައްލުކުރަން ބީލަމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

މި މަހުގެ ކުރީކޮޅު ހައުސިން މިނިސްޓްރީން އެ މަސައްކަތް ބީލަމަށް ލީ މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ސުންގަޑި ދީފަ އެވެެ. ނަމަވެސް މަސައްކަތަށް ގެނެވުނު ބައެއް ބަދަލުތަކާ އެކު މިހާރު ބީލަން ހުށަހެޅުމުގެ ސުންގަޑި އަކީ މި މަހުގެ 14 އެވެ.

ހައުސިން މިނިސްޓްރީން ބުނީ މިކަމާ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ މާދަމާ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލްކޮށް ދިނުން އެދޭ ކަމަށެވެ.

ހިތަދޫގެ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންތަކުގައި ދަބަރު ޖަހައިގެން ހަލާކުވެ، ހަޑިވެފައިވާތީ އެކަން ހައްލުކޮށް ނުދީގެން ފްލެޓްތަކުގައި އުޅޭ ބައެއް މީހުން ދާދި ފަހުން ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ. ފްލެޓްތަކުގެ މަހު ކުލީގެ އިތުރަށް ފްލެޓްވެރިންގެ އަތުން މެއިންޓަނެންސް އަށް 550ރ. ނަގަ އެވެ.

ހިތަދޫގައި 264 ފްލެޓް ހަދާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

މި ފްލެޓްތަކު ތެރެއިން ބައެއް ފްލެޓްތަކުގެ ރެއިލިންތަކުގައި ދަބަރު ޖެހުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތަށް ދިމާވަނީ ފްލެޓްތައް ހުރީ މޫދާ ވެސް ފުދޭ ވަރެއްގެ ކައިރީ ހިސާބަކަށްވުމުން ލޮނުގެ އަސަރުކުރާތީ އެވެ.