ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރާ ކަދުރުގެ ތެރެއިން މި އަހަރު ކަދުރު ލިބޭވަރު ވާނީ ރޯދަ މަހުގެ ފަހު 10 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެތަނުން ބުނީ މިދިޔަ އަހަރާ ހިލާފަށް މި އަހަރު 50 ޓަނުގެ ކަދުރު ހަދިޔާކުރަން ހަމަޖެހިފައިވާ ކަމަށާއި ކަދުރު ލިބުން ލަސްވީ ކަދުރު މޫސުން ލަސްވުމުން ކަމަށެވެ. މިދިޔަ އަހަރު ހަދިޔާކުރީ 25 ޓަނުގެ ކަދުރެވެ. އަދި އެ ބެހީ ހަމައެކަނި ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށާއި ކުޑަކުދިންގެ ހިޔާ، ފިޔަވަތި، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިތުރުން ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށެވެ.
މި އަހަރު ރާއްޖެއަށް 50 ޓަނުގެ ކަދުރު ސައުދީން ހަދިޔާކުރާ އިރު، އެ ގައުމުގެ ރަސްގެފާނު ދެއްވާ ޚާއްސަ އިފްތާރު ޕެކޭޖްގެ 200 ޕެކޭޖު ރާއްޖެ އަށް މި މަހުގެ 6 ގައި ހަދިޔާކޮށްފައިވެ އެވެ. އަދި މިދިޔަ މަހު 3،000 މުސްޙަފު ވެސް ސައުދީން ހަދިޔާކުރި އެވެ.