މަސްވެރިިންގެ މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މި އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް 9 މެމްބަރުން ވޯޓު ދެއްވިއިރު، ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 41 މެމްބަރުން ވޯޓު ދެއްވިއެވެ.
ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ބުނެފައިވަނީ މިދުވަސްވަރު ރަނގަޅަށް މަސްބާނަމުން އަންނައިރު މަސް ކިރުން ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އާމްދަނީ ނުލިބި މަސްވެރި އާއިލާތައް ހާލުގައި ވާކަމަށެވެ. އަދި މިދުވަސްވަރު ޑީސަލްގެ އަގު ބޮޑުވެ ޑީސަލް ލިބުން ދަތިވެފައިވާ ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ވެސް ނުފުއްދޭކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލިއިރު، އިދިކޮޅުން ހުށަހަޅާ މިފަދަ ކުއްލި މައްސަތައް މަޖިލީހަށް ބަލައިނުގަނެ އެމްޑީޕީން ބޭރުކުރުން މިފަހުން ވަނީ އިތުރުވެފައެވެ.