Last Updated: July 21, 11:26
Tuesday, July 21, 2026
ޚަބަރު

އައްޑޫން ބޯފެން ލިބުން ދަތިވެއްޖެ

ވާރޭ ވެސް ނުވެހި ގިނަ ދުވަސްތަކެއްވުމާ ގުޅިގެން ވޭރޭ ފެން ހުސްވެ، އައްޑޫގެ ފިހާރަތަކުން މިނެރަލް ވޯޓާ ވެސް ލިބުން ދަތިވެއްޖެ އެވެ.

އައްޑޫގައި ފެން ވިއްކާ މައިގަނޑު ކުންފުނިތަކުން އެއްކޮށް ފެން ހުސްވެފައިވެ އެވެ. އެގޮތުން ފިހާރަތަކަށް ވަރަށް ފުޅާކޮށް ފެން ސަޕްލައިކޮށްދޭ ހެޕީ މާކެޓާއި ކޮކަ ކޯލާ ކުންފުނިން ވެސް ބުނީ މި ވަގުތު އައްޑޫން ފެނުގެ އެއްވެސް ސައިޒެއް ލިބެން ނެތް ކަމަށެވެ.

އެ ކުންފުނިތަކުން ބުނީ ފެން އަލުން ލިބޭނެ އިރެއް ބުނަން ވެސް ދަތި ކަމަށެވެ. އެކަމަކު ވީހާ ވެސް އަވަހަކަށް ފެން ގެނެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏެވެ. އައްޑޫގައި ފެން އުފައްދައި ވިއްކާ، ވަން ޑިގްރީން ބުނި ގޮތުގައި އެތަނުން 19.5 ލީޓަރުގެ ފެން ލިބެން އެބަހުއްޓެވެ.

އާންމުކޮށް އައްޑޫގެ ފިހާރަތަކުން ވެސް ވިއްކަނީ ކޮކަ ކޯލާ އާއި ހެޕީ މާކެޓްގެ ފެން ކަމަށްވާތީ ފިހާރަތަކަށް ވެސް ފެން ލިބުން ހުއްޓި، ފެނުގެ ސްޓޮކް ކޮންމެވެސް ވަރަކަށް ހުރި ތަންތަނުން ފެން މިހާރު ވިއްކަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެންނެވެ. އެހެންވެ ފެން ލިބުމުގެ ދަތިކަން އާންމުންނަށް ވަރަށް ބޮޑަށް ކުރިމަތިވެފައިވެ އެވެ.

ގިނަ ގޭގޭގެ ތާނގީތަކުން ފެން ހުސްވުމުގެ އިތުރަށް އަވަށްތަކުގައި ހުރި އާންމު ގިނަ ތާނގީތަކުން ވެސް ވާރޭ ފެން ހުސްވެފައިވެ އެވެ. އައްޑު އަށް ސަޕްލައި ފެން ލިބުނަސް، އެ ފެން ބޯން ބޭނުންކުރާ މީހުން ނިސްބަތުން މަދެވެ.

ބައެއް މީހުން ބުނި ގޮތުގައި ފެނުގެ ދަތިކަން މިހާ ބޮޑަށް ކުރިމަތިވި ދަނޑިވަޅާ ރޯދަ މަހާ ދިމާވުމަކީ ވެސް ނަސީބެކެވެ. އެހެން ނޫން ނަމަ ފެނުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވެ، އާންމުން އެތައް ތަކުލީފެއް އުފުލަން ޖެހޭނެ އެވެ.