Last Updated: June 13, 11:32
Saturday, June 13, 2026
ޚަބަރު

އިދާރީ އޮޅުމަކުން މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދާރީ އޮޅުމަކުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށްފިއެވެ.

މިނިސްޓަރު ޑރ. ހުސައިން މަޖިލީހަށް ހާޒިރުކޮށްފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ކޮށްފައިވާ ސުވާލަށް ޖަވާބު ހޯދުމަށެވެ.

އެގޮތުން ދިއްދޫ ދާއިރާގެ މެމްބަރު ސުވާލުކޮށްފައިވަނީ ދިއްދޫގައި ހެދުމަށް ނިންމާފައިވާ އައިސްޕްލާންޓްގެ މަސައްކަތާއި ގުޅޭގޮތުންނެވެ. އެސުވާލަށް މިނިސްޓަރު ޖަވާބު ދެއްވުމަށްފަހު އިތުރު ސުވާލަށް ހުޅުވާލާ މެމްބަރުން ސުވާލު ކުރަމުން ދަނިކޮށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ދިއްދޫ ދާއިރާގެ މެމްބަރު ސުވާލަށް ޖަވާބު ހޯދުމަށް އެދިފައިވަނީ ލިޔުމުންކަން ފާހަގަކުރައްވާފައެވެ.

ޝަރީފް އެކަން ފާހަގަކުރެއްވުމުން ރަޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަނެ، މިނިސްޓަރު ހާޒިރު ކުރެވުނީ އިދާރީ ގޯހަކުންކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންނަށް އިއްޒަތްތަރި ވަޒީރު އަރިހުގައި ވަޑައިގަންނަވަން ދެންނެވުނީ ގޯހުން. އަޅުގަނޑުމެން އިއްޒަތްތެރި ވަޒީރަށް ސުވާލުގެ ޖަވާބު މިތަނަށް ލިޔުމުން ފޮނުވަން ދަންނަވަން ޖެހިފަ އޮންނަން ޖެހޭނީ. މިކަންތައް މިއަދު ހިނގާމިދިޔައީ، މިކަން ހިނގާންވީ ގޮތަކަށް ނޫން. އިއްޒަތްތެރި ވަޒީރު ވަރަށް ބޮޑަށް ޝުކުރިއްޔާ އަދި ވަރަށް ބޮޑަށް މާފަށް އެދެން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިކަން ފާހަގަކުރެވުމުން ވަޒީރާ ސުވާލު ކުރުމަށް މިއަދު މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވާބައި ވަނީ ނިމުމަކަށް ގެނެސްފައެވެ.