Last Updated: July 12, 14:13
Sunday, July 12, 2026
ދުނިޔެ

ޓްވިޓާގެ ބޯޑަކު އީލޮން ނުހިމެނޭނެ

މިދިޔަ ހަފުތާގައި ޓްވިޓާގެ ހިއްސާ ގަތް ނަމަވެސް އެ ކުންފުނީގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަހުޖަނު އީލޮން މަސްކް ނުހިމެނޭނެކަން ކަށަވަރުކޮށް ދީފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ޓްވިޓާގެ 9.2 ޕަސެންޓް ހިއްސާ ގަތުމާ ގުޅިގެން އޭނާ މި ހަފުތާގެ ހޮނިހިރުން ފެށިގެން ރަސްމީކޮށް ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތް ފަށާ ގޮތަށް އޮތަސް، ބޯޑްގައި އީލޮން ނުހިމެނޭކަން، މިދިޔަ އަހަރު ޓްވިޓާގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތް ޕަރާގް އަގަރަވާލް ވިދާޅުވި އެވެ.

އޭނަ އެކަން ހާމަކުރައްވައި ޓްވީޓާގައި ނެރުނު ބަޔާނާ ގުޅިގެން އީލޮން އިމޯޖީއެއް ވެސް ޓްވީޓްކުރެއްވި އެވެ. އެކަމަކު ކުޑަ އިރުކޮޅެެއް ފަހުން އެ ޑިލީޓްކޮށްފައިވެ އެވެ.

އީލޮން ޓްވިޓާގެ ހިއްސާ ގަތް ދަނޑިވަޅާ ދިމާކޮށް ޓްވިޓާ އިން ވަނީ ޓްވީޓްތައް އެޑިޓްކުރެވޭ ފީޗާ ވެސް މިހާރު ޓެސްޓްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އެކަން ހާމަކުރީ ހިއްސާ ގަތުމަށް ފަހު، "އެޑިޓް ބަޓަން" ބޭނުންވޭތޯ ޓްވިޓާގައި އީލޮން ޓްވިޓާގައި ޕޯލަކަށް ހުޅުވާލައި ގިނަ ބަޔަކު އެ ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށެވެ.

އެކަމަކު ޓްވިޓާ އން ބުނީ އެޑިޓްކުރެވޭ ފީޗާ ގެނައުމަކީ މިދިޔަ އަހަރުން ފެށިން ސީރިއަސްކޮށް ވިސްނަމުން އައި ކަމެއް ކަމަށާއި އެއީ ވަކި ޕޯލަކާ ގުޅިގެން ކުރަ އުޅޭ ކަމެއް ނޫން ކަމަށެވެ.

އީލޮން އަކީ ޓްވިޓާގެ އެންމެ ގިނަ ހިއްސާ ކޮންޓްރޯލްކުރާ ހަމައެކަނި ފަރުދެވެ. އޭނަ އޭގެ 9.2 ޕަސެންޓް ހިއްސާ ގަތީ 2.89 ބިލިއަން ޑޮލަރަށެވެ. މިލްކިއްޔާތު 274.3 ބިލިއަން ޑޮލަރަށް އަރާ އީލޮން އަކީ ސްޕޭސް އެކްސް އާއި ޓެސްލާގެ ވެސް ވެރިޔާ އެވެ.