Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެސްޖީގެ އިތުބާރު ނެތްކަން ބަދަލުކުރެވޭނެ މުއައްސަސާއެއް ނޯންނާނެ

އައްޑޫ ސިޓީ ކައުންސިލް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއުގެ އިތުބާރު ނެތް ކަމަށް ކައުންސިލުން ނިންމުން ބަދަލު ކުރެވޭނެ އެއްވެސް މުއައްސަސާއެއް އޮތް ކަމަށް ގަބޫލް ނުކުރައްވާކަމަށް މަރަދޫ ދާއިރާގެ ކައުންސިލަރު އަހުމަދު ނާދިރު ވިދާޅުވެއްޖެ އެވެ.

އައްޑޫ މަސްވެރިންގެ ކަންބޮޑުވުމާއި ގުޅޭ ގޮތުން މޫލެކެޑެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެން ރޭ ބޭއްވި ކައުންސިލްގެ ކުއްލި ބައްދަލުވުމުގެ ވޯކިން ސެޝަން ފެށުމާ އެކު ނާދިރު ވަނީ ޖަލްސާގެ އިދާރީ މޭޒުގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝުޖާއު ހުންނެވުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ވާހަކަ ދައްކަވައިފަ އެވެ.

އޭނާ ވިދާޅުވީ ކައުންސިލުން އިތުބާރު ނެތް ކަމަށް ފާސްކޮށްފައިވާ މީހަކު އިދާރީ މޭޒުގައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނާދިރުގެ ވާހަކަތަކާ ގުޅިގެން މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެސްޖީގެ ކަންކަން ސިވިލް ސާވިސް އިން އަދި ނިންމާފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ ކޮމިޝަނަށް މޭޔަރު ގުޅުއްވައި އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ނިންމައި ދެއްވުމަށް އެދިފައިވާ ކަމަށެވެ.

"ސިވިލް ސާވިސްގެ އެކި ފެންވަރުގެ މީހުންނާއި އަދި ރައީސް އާއިވެސް ވާހަކަ ދެކެވިއްޖެ. އަވަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމަވައި ދޭނެ ކަމަށް ބުނެފައި ވަނީ. ދެން މި މުއްދަތުގެ ތެރޭ ސިވިލް ސާވިސްއިން ގޮތެއް ނުނިންމަނީސް އެސްޖީ މަސްއޫލިއްޔަތުން ދުރެއް ނުކުރެވޭނެ". ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަވާއިދުގައި އެކަން ވަކި ގޮތަކަށް ކުރަން ނެތީސް އެސްޖީ މަގާމުން އެކަހެރި ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ ޝުޖާއު.

ނިޒާރުގެ ވާހަކަތަކަށް ރައްދު ދެއްވައި ނާދިރު ވިދާޅުވީ ކައުންސިލަރުންނަކީ އައްޑޫގެ 30،000 ރައްޔިތުން ތަމްސީލުކުރާ ބަޔަކަށް ވީހިނދު މި ކައުންސިލުން އެސްޖީގެ އިތުބާރު ނެތްކަމަށް ފާސްކުރުމުން އެގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ސިވިލް ސާވިސްއަކަށް އަދި ރައީސަކަށް ބަދަލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މި އައްޑޫ ސިޓީ ކައުންސިލްގައި ތިބޭނީ މި ކައުންސިލްގެ އިދާރީ މުވައްޒަފުން. މިތަނުން ފިޔަވަޅު އަޅާނީ ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް،.އައްޑޫ ސިޓީ ކައުންސިލުން ވަކި ގޮތަށް ނިންމުމުން އެއަށްވުރެ މަތިން ވަކި ގޮތެއް ބުނެވޭނެ މުއައްސަސާއެއް އޮތް ކަމަކަށް ހީއެއް ނުވޭ، ރާއްޖޭގެ ރައިސުލްޖުމްހުރިއްޔާ އަށް ވެސް." ނާދިރު ވިދާޅުވި އެވެ.

އޭނާ ވަނީ ސިވިލް ސާވިސް އަކީ ވަކި ސަރުކާރެއް ސުވާލު އުފައްދަވައި އެ ކޮމިޝަނަށް ކައުންސިލުން ނިންމާ ނިންމުން އަނބުރާ ނުލެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ސިވިލް ސާވިސް އަކީ ވަކި ސަރުކާރެއް ނޫން. ތިމާމެންނަށް ފެންނަނީ މިތާ ތިބި މުވައްޒަފުން ހަދަން ޖެހެނީ މިހެންނޭ މިކަހަލަ ކަންކަން ބުނުމަކީ،. މަގޭ ނެތް އެކަމުގެ އެއްވެސް މައްސަލައެއް. އެތަނުގައި ޝުޖާ ހުރުމަކީ މަލާއިކަތަކު ހުރުމަކީ މަގޭ އެނެހެން މާ ބޮޑު އިޝޫއެއް ނޫން،" ނާދިރު ވިދާޅުވި އެވެ. "އެކަމަކު ކައުންސިލުން ވަކި ގޮތެއް ނިންމުމުން ކައުންސިލްގެ ނިންމުންތަކަށް އިހުތިރާމް ކުރަން ޖެހޭނެ."

ރޭގެ ވޯކިން ސެޝަންގައި މޭޔަރު ނިންމެވީ އެސްޖީ ބަހައްޓައިގެން ކައުންސިލްގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކައުންސިލަރުންނަށް ފެންނަ ގޮތެއް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ވިދާޅުވެ އެވެ.

އައްޑޫ ކައުންސިލްގެ އެސްޖީގެ އިތުބާރު ނެތަކަމަށް މައްސަލަ އައްޑޫ ކައުންސިލަށް ހުށަހެޅީ ވެސް މަރަދޫ ދާއިރާގެ މެމްބަރު ނާދިރެވެ. އޭނާ ކައުންސިލްގެ ޖަލްސާއަށް ހުށަހެޅި ޕޭޕަރުގައި މައިގަޑު ގޮތަކަށް ހުރީ ހީތަކުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކަތަކެވެ. އެކަން ބައެއް ކައުންސިލަރުން ޖަލްސާގައި ފާހަގަކޮށްފައިވެ އެވެ.

އެސްޖީގެ އިތުބާރުނެތްކަމަށް ފާސްކޮށްފައި ވަނީ ހަ ކައުންސިލަރުންގެ ވޯޓާ އެކީގަ އެވެ. އެސްޖީ އަށް އިތުބާރާކުރާ ކަމަށް ވޯޓު ދެއްވީ ފަސް ކައުންސިލަރެކެވެ.