ހުރިހާ އިންތިހާބެއް އެއްކޮށް ބޭއްވުމުން ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށާއި، މިހާރު އިންތިހާބުތައް ބާއްވަމުން އަންނަ ގޮތްނޫން އެހެން ގޮތަށް އިންތިހާބުތައް ބޭއްވުމާމެދު ވިސްނަން ޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިފަދައިން ވިދާޅުވެފައިވަނީ، އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލުޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ގެނައުމަށް ގޮވާލާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި 20 ބައިއިލެކްޝަން ބާއްވާފައިވާކަމަށާއި، އޭގެތެރެއިން 18 ބައިއިލެކްޝަނަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދީގެން ބާއްވާފައިވާ އިންތިހާބުތައް ކަމަށެވެ. ސަލީމް ވިދާޅުވީ އިތުރުވާ އިންތިހާބުތަކާ ބައިއިލެކްޝަންތަކާ ގުޅޭގޮތުންވެސް ވާހަކަ ދައްކަން ޖެހޭކަމަށާއި، ރަށެއްގައި ބާއްވާ ކޮންމެ ބައި އިލެކްޝަނަކަށް ދެ ލައްކަ ރުފިޔާ ހަރަދުވާކަމަށެވެ.
"ފާއިތުވި 10 މަސްދުވަހުގެ ތެރޭގައި ބޭއްވި ބައިއިލެކްޝަންތަކަށް ބަލާއިރު 4 މިލިއަން ރުފިޔާ ހޭދަވެއްޖެ. މިރޭޓުން ބައިއިލެކްޝަންތައް ބާއްވަން ފަށައިފިނަމަ 5 އަހަރުގެ ތެރޭގައި މިކަމަށް ހިނގާނެ ހަރަދެއް އަޅުގަނޑުމެންނަން ނުވެސް އެނގޭ. މިއީ ދައުލަތަށް އެންމެ ފައިދާހުރި ގޮތްކަމަކަށް ގަބޫލެއް ނުކުރަން." ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ސަލީމް ވިދާޅުވީ ރާއްޖޭގައި ވަކިވަކިން ބާއްވާ އިންތިހާބުތަކަކީވެސް އިންތިހާއަށް ހަރަދު ބޮޑު އަދި ރައްޔިތުންނަށް އޭގެ ތަކުލީފު ވަރަށް ބޮޑަށް އުފުލަންޖެހޭ އިންތިހާބުތަކެއް ކަމަށެވެ.
އެގޮތުން ނިމިގެންދިޔަ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ދައުލަތުން 78 މިލިއަން ރުފިޔާ ހަރަދު ކުރިކަމަށާއި، ރިޔާސީ އިންތިހާބަށް 55.8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށާއި، އެންމެފަހުން ބޭއްވި މަޖިލީހުގެ އިންތިހާބަށް 45.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.
"މިދެންނެވި މައިގަނޑު އިންތިހާބުތަކަށް ޖުމުލަ 179.3 މިލިއަން ރުފިޔާ ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަކޮށްފަ އެބައޮތް. އަޅުގަނޑުމެން މި މަޖިލީހުން ހަމަ ބަލާނުލެވޭނެތޯ ކޮބައިތޯ އިންތިހާބުތައް ބޭއްވުމުގައި އެންމެ ހަރަދުކުޑަ ގޮތަކީ؟" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އިންތިހާބުތައް އެކުގައި ބޭއްވޭނެ ގޮތެއް ވެއްޖެނަމަ، 87 މިލިއަން ރުފިޔާއަށް އިންތިހާބުތައް ބޭއްވޭނެ ކަމަށާއި، އޭގެ ސަބަބުން 92.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށެވެ.
އަދި ކަމަކާ ގުޅޭ ރިވިއުއެއް ހަދާއިރު މިފަދަ ކަންކަމާ ދޭތެރޭ ވިސްނާ ރައްޔިތުންނަށް އެންމެ ހަރަދު ކުޑަ އަދި ހިންގުމުގެ ހަރަދު ކުޑަވާނެ ގޮތެއް ބަލަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ.