މި ދައުރު ނިމުމުމުގެ ކުރިން 200 ދޯނީގައި މަސް ފިނިކުރާ ނިޒާމު ގާއިމު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންނަށް ސުވާލުކުރުމަށް ލިބުނު ފުރުސަތުގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ވަނީ މަސް ދޯނިފަހަރުގައި މަސް ފިނިކުރާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު އޮތް ހިސާބާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހުސައިން ވިދާޅުވީ، މަސައްކަތްކުރަނީ ރެފްރިޖެރޭޓެޑް ސީވޯޓާރ ސިސްޓަމް ބޭނުންކޮށްގެން މަސް ފިނިކުރުމުގެ ނިޒާމް ދޯނިފަހަރުގައި ޤާއިމްކުރުމަށް ކަމަށެވެ. މިމަސައްކަތް ފެށުމަށް ކުރިން ބިޑުކުރެވުނު ނަމަވެސް ހުށައެޅިފައިވާ ބިޑުތަކަކީ އެކަށީގެންވާ ބިޑުތަކަކަށް ނުވާތީ ބާތިލުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހުސައިން ވިދާޅުވީ މިހާރު ނިންމާފައިވަނީ އިންޓަރނޭޝަނަލް ބިޑިންގެ ތެރެއަށް ދިވެހި ކުންފުނިތަކެއް ވެއްދުމަށްކަމަށެވެ. އެ މަޝްރޫއު ފަށާނީ އެ ކުންފުނިތަކަށް އެސްއެމްއީ ލޯން ދީގެންކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރު ނިމުމުގެ ކުރިން 200 ދޯނީގައި މަސް ފިނިކުރެވޭނެ ނިޒާމް ޤާއިމްކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.
ދޯނިތަކުގައި މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމުން އައިސް ނުލިބުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.