Last Updated: April 27, 19:04
Saturday, April 27, 2024
ޚަބަރު

އައްޑޫގައި ބިދޭސީ އިމާމެއްގެ ފޯނު ވަގަށް ނަގައިފި

އައްޑޫ މީދޫގައި މި ރޯދަ މަހުގެ އިމާމްވެ ތަރާވީހު ނަމާދުކުރަން ގެނައި މީހާ ނަމާދުގައި ހުއްޓާ އެމީހާ ދިރިއުޅޭ ގެއަށް ވަގަކު ވަދެ ފޯނު ގެންގޮސްފި އެވެ.

މިކަން ހިނގީ ރޭ އިޝާނަމާދާއި ތާރާވީހު ނަމާދު އިމާމްވެ ކުރުމަށް އިމާމްމީހާ މިސްކިތައް ދިޔަ ވަގުތު އެވެ. މިއަހަރު މީދޫގައި ތާރާވީހް ނަމާދު އިމާމްވެ ކުރުމަށް ގެނެސްފައިހުރީ މީގެ ކުރިންވެސް އެރަށަށް އައިސްފައިހުރި އަލްގާރީ ސަލީމުއްﷲ ނަމަކަށްކިޔާ ޕާކިސްތާނު ރައްޔިތެކެވެ.

މީދޫގެ ހިލާލް ޖަމިއްޔާއިން އިސްނަގައިގެން ރާއްޖެއިން ބޭރުން ގާރީއަކު ގެނައީ އާއްމު ރައްޔިތުންގެ ފައިސާގެ އެހީތެރިކަން ހޯދައިގެންނެވެ. އެމީހާ ހުރުމުގެ އިންތިޒާމަށް ބޭނުންވާ ފައިސާ އަދިވެސް ހަމަނުވާތީ އެ ޖަމިއްޔާއިންވަނީ އާއްމުންނަށް ފައިސާގެ އހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ހުޅުވާލާފަ އެވެ.

"އަދިވެސް މި އަންނަނީ ފައިސާ ހޯދަމުން އިމާމް މީހާ ގެނައިމާއި އަދި އެކޮމަޑޭޝަނަށް ބޭނުންވާ ފައިސާ ހޯދުމަށް. އަނެއްކާ ފޯނު ވަގައް ނެގުމުން އަޅުގަނޑުމެން ފޯނެއް ގަނެދީފިން." ހިލާލް ޖަމިއްޔާގެ އިސް މެމްބަރަކު ވިދާޅުވި އެވެ.

އިމާމް މީހާގެ ފޯނު ވަގައް ގެންދިޔައީ އެގޭގެ ދޮރުހަލާކުކޮށްލައިގެން އެގެއަށްވަދެެގެންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށައެޅުމުން މިހާރު ގެންދަނީ މައްސަލަ ތަހްގީގުކުރަމުންނެވެ.