Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މީދޫ އާ މިސްކިތުގެ ބީލަމަށް އިތުރު މުއްދަތެއް

އައްޑޫ މީދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދަން ހުޅުވާލި ބީލަމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ސަރުކާރުން އިމާރާތްކުރަން ހަމަޖެހިފައިވާ ހަމަޖެހިފައިވާ އެ މިސްކިތުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން މިދިޔަ މަހުގެ 22 ގައ ދެވަނަ ފަހަރށް ހުޅުވާލައި ދިން ސުންގަޑި އަކީ މިއަދެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެދުމުގެ މަތިން ސުންގަޑި މިހާރު މި މަހުގެ 26 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މީދޫގެ އާ މިސްކިތް އެންމެ ފުރަތަމަ ބީލަމަށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ގަ އެވެ.

މި މިސްކިތުގެ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 21 އާ ހަމައަށް ރަޖިސްޓްރީކުރެވޭނެ އެވެ. އަދި އެކަމަށް 500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ފިނޭންސުން ބުނި ގޮތުގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 65،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.

މީދޫގައި އަލަށް ހަދަން ހަމަޖެހިފައި ވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.