ސީރިޔާ އަށް ގޮސް އެ ގައުމުގެ ހަނގުރާވެރި ސަރަހައްދަކުން ރާއްޖެ ގެނައި ދިވެހި އާއިލާ، އިތުރު އަށް މަސް ދުވަހަށް ކ. ހިންމަފުށީ ރީއިންޓެގްރޭޝަން ސެންޓަރުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އެ އާއިލާ ރާއްޖެ ގެނައި މިދިޔަ މަހުގެ 11 ގަ އެވެ. އޭގައި ތެރޭގައި ހިމެނެނީ 33 އަހަރުގެ އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުދިންނެވެ.
ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އަންހެންމީހާ ކުރިން އުޅެފައި ވަނީ ސީރިޔާގެ އިދްލިބްގަ އެވެ. އަދި އެ ސަރަހައްދުން އެ މީހުން ތުރުކީއަށް ގޮސް، އެގައުމުން ރާއްޖެ އައިސްފައިވާ ކަމަށް ކޯޓުގައި ބުނެފައިވެ އެވެ.
އެ އާއިލާގެ މެންބަރުން ބަންދުކުރުމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފައެވެ.
ހޯމް މިނިސްޓްރީން ބުނި އެ އާއިލާ ބަންދުގައި ބައިތިއްބަން ކުރިން ކަނޑައެޅި އިއްޔެއަށް ހަމަވާތީ އެކަމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހިންމަފުށީގައި ރީއިންޓެގްރޭޝަން ސެންޓަރުގައި އިތުރު އަށް މަހަށް ބައިތިއްބައިގެން ފަރުވާގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.