Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަޝްވަރާގައި

ފުވައްމުލަކު އެއާޕޯޓްގެ ރަންބޭ ބޮޑުކުރަން ނިންމާފައިވާތީ އެކަމާ ގުޅޭ މަޝްވަރާތައް މިހާރު ކަމާ ބެހޭ ފަރާތްތަކާ އެކީ ކުރިއަށްދާ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބުނެފި އެވެ.

އެތަނުން ބުނީ މިކަމާ ބެހޭ ގޮތުން މިދިޔަ އާދީއްތަ ދުވަހު ގައުމީ އެއާލައިން "މޯލްޑިވިއަން" އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އާ އެކު ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. ފުވައްމުލަކު އެއާޕޯޓަށް މި ވަގުތު ދަތުރުކުރާ ހަމައެކަނި އެއާލައިނަކީ މޯލްޑިވިއަނެވެ. އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމާ ބެހޭ މަޝްވަރާތައް ކުރިއަށް ދިޔަޔަސް މިކަމާ ބެހޭ އިތުރު ތަފުސީލުތަކެއް ކައުންސިލުން ނުދެ އެވެ.

އެކަމަކު އެ އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން ނިންމި ވާހަކަ މިދިޔަ މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ސިޓީ އަށް ކުރެއްވި ދަތުރުގައި ވިދާޅުވި އެވެ.

"އަޅުގަނޑު މިހާރު ވާނީ ޕްލޭނިންގ މިނިސްޓްރީގައި ދަންނަވާފަ އެއާޕޯޓް ބޮޑުކުރެވޭނީ ކިހާވަރަކަށްތޯ ބެލުމަށް ޓެކްނިކަލް ސާރވޭއެއް ހެދުމަށް،" ރައީސް ވިދާޅުވި އެވެ. "އަށް ފަހު އެއާޕޯޓް ބޮޑުކުރެވޭނެ އެންމެ ބޮޑަކަށް އިރާދަކުރެއްވިއްޔާ އެކަން ކުރާނެކަމުގެ ޔަގީންކަން އަރުވަން."

ފުވައްމުލަކު އެއާޕޯޓަކީ ރާއްޖޭގައި މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ކުރި އެއާޕޯޓެވެ. އައްޑޫގައި 2011 ގައިު 17 ވަނަ ސާކް ސަމިޓާ ދިމާކޮށް ފުވައްމުލަކުގައި ހިންގަން ނިންމި ހަރަކާތްތަކަށް ހާއްސަކޮށްގެން އެ އެއާޕޯޓް ތަރައްގީކުރީ އެސްޓީއޯއިންނެވެ. އެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމީން ކޮންސްޓްރަކްޝަނާއި އައިމާ ކޮންސްޓްރަނާ ހަވާލުކޮށްގެން ކުރި އެވެ.

ފުވައްމުލަކުގެ އެއާޕޯޓްގެ ރަންވޭގެ ދިގުމިނަކީ މިހާރު 1،100 މީޓަރު (3،069 ފޫޓް) އެވެ.

އެއާޕޯޓް ރަސްމީކޮށް ހުޅުވީ 2011 ގެ ސާކް ސަމިޓާ ދިމާކޮށް އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.