Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފުވައްމުލަކުގައި ކްރިކެޓް މުބާރާތަކަށް ހުޅުވާލައިފި

ފުވައްމުލަކުގައި ބާއްވާ ކްރިކެޓް މުބާރާތެއްގައި ބައިވެރިވާން އެ ސިޓީގެ އޮފީސްތަކާއި ކުލަބްތަކާއި ޖަމިއްޔާތަކާއި އަވަށްތަކުގެ ޓީމްތަކަށް ކައުންސިލުން ހުޅުވާލައިފި އެވެ.

އެތަނުން ބުނީ "ފުވައްމުލައް ރަމަޟާން ކްރިކެޓް ކާނިލަވް" ގެ ނަމުގައި ބާއްވަން ހަމަޖެހިފައި މި މުބާރާތަކީ ކައުންސިލާއި ކްރިކެޓް ކޮންޓްރޯލް ބޯޑް އޮފީސް ގުޅިގެން ބާއްވާ މުބާރާތެއް ކަމަށެވެ. މި މަހުގެ 20 ގައި ފަށާ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 17 އާ ހަމައަށް ވަނީ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު 7781076 ނަމްބަރުން ހޯދޭނެ އެވެ.

ފުވައްމުލަކުގައި ކްރިކެޓް މުބާރާތެއް ބާއްވަން ތައްޔާރުވާ އިރު، އެ ސިޓީ އަކީ ކްރިކެޓަށް ހާއްސަ ޕިޗެއް ވެސް ހަދާފައި އޮތް ތަނެކެވެ. އެ ޕިޗް ހެދީ 2011 ގައި ބޭއްވި 17 ވަނަ ސާކް ސަމިޓާ ދިމާކޮށެވެ. އޭރުގެ ސާކްގެ ހުރިހާ ގައުމަކުން ވާދަކުރި ކްރިކެޓް މުބާރާތެއް ފުވައްމުލަކުގައި ވަރަށް ފޯރީގައި ކުރިއަށް ގެންދިޔަ އެވެ.

ފުވައްމުލަކަކީ ރާއްޖޭގެ އެހެން ހިސާބުތަކާ ހިލާފަށް އާންމުންގެ ތެރޭގައި ކްރިކެޓްގެ ފޯރި ފަދަ ތަނެކެވެ. އެގޮތުން ދޭތެރެ ދޭތެރެ އެކި އުމުރުފުރާތަކަށް މުބާރާތްތައް ވެސް ބާއްވަ އެވެ.